44 ގޭންގް ހަރަކާތްތެރި ވާއިރު ނުރައްކާ ބޮޑު 10 ގޭންގެއް ހިމެނޭ
މާލޭގައި 44 ގޭންގްގައި، 2،800 އަށް ވިރެ ގިނަ މެމްބަރުން ހަރަކާތްތެރި ވާއިރު ނުރައްކާ ބޮޑު 10 ގޭންގެއް ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާ، ވިއަވަތި ކޮންފަރެންސްގައި މިއަދު ފުލުހުން ބުނީ، 1990 އިން ފެށިގެން މިހާތަނަށް މާލޭގައި އެކަނި 44 ގޭންގެއް އުފެދި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ބިރުވެރި، ނުރައްކާ ބޮޑު 10 ގޭންގެއް ހިމެނޭ ކަމަށެވެ.
މި ގޭންގުތަކަށް ނިސްބަތްވާ 2،800 އަށް ވިރެ ގިނަ މީހުން (މެންބަރުން) ތިބި ކަން ހާމަ ކުރަމުން ފުލުހުން ބުނީ އޭގެ ތެރޭގައި އެކި ގްރޫޕުތަކަށް ނިސްބަތްވާ 60 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
ގޭންގްތަކުގެ ހާލަތު ހާމަ ކުރަމުން ފުލުހުން ބުނީ، މާލޭގެ އިތުރުން އަތޮޅުތަކަށްވެސް ގޭންގްތައް ފެތުރިފައިވާ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި ގޭންގްތައް ގިނަ ނަމަވެސް މެދު ރާއްޖެތެރޭގައި ގޭންގްތައް ހަރަކާތްތެރިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އަދި ކުރިއާ ހިލާފަށް ގެންގްތަކުން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑާކުރުމުގެ ވިޔަފާރިތައް ސިއްރު ކުރުމަށާއި ވިޔަފާރިތައް ފުޅާ ކުރުމުގެ އުކުޅެއްގެ ގޮތުން، ކުރިން ހިންގާ ގޮތަށް މީހުން މެރުމާއި މާރާމާރީ ނުހިންގާ ކަމަށާއި އެ ކުށްތައް ނިސްބަތުން މަދުކޮށްފައި ވާކަމަށެވެ. އަދި އެކަން ކުރަނީ ގޭންގްތަކުގެ ލީޑަރުން ވާހަކަ ދައްކައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
”ގޭންގްތަކުން ކުރިން މާރާމާރީ ހިންގަމުން އަންނަ ގޮތާއި މިހާރު ހަރަކާތްތެރިވަމުން އަންނަ ގޮތް ވެސް ވަރަށް ބޮޑަށް ތަފާތެވެ. ކަނޑި އާއި ދަގަނޑާއި އެހެން ވެސް ތޫނު ހަތިޔާރުު ފާޅުގައި ހިފައިގެން ނުކުމެ މާރާމާރީ ހިންގުމުގެ ބަދަލުގައި މި ފަހުން ފެންނަނީ ވަޅި ފޮރުވައިގެން ނުކުމެ މީހުންނަށް ހަމަލާ ދޭތަން“
ފުލުހުން ބުނީ، ގޭންގްތަކުން ފުޅާކޮށް ހިންގާ މަސްތުވާތަކެތީގެ ވިޔަފާރީގެ ނިވާފަތްގަނޑަކީ ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި އެނޫންވެސް ބޮޑެތި ވިޔަފާރިތައް ކަމަށެވެ.
ވިއަވަތި ކޮންފަރެންސްގައި ޑްރަގްސް އާއި ގޭންގު ކުށްތަކުގެ ހާލަތު އޮތް ގޮތް ހާމަކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޒަމާން ވެފައި އޮތް އެ މައްސަލަ އަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެ ކަމަށް ޓާސްކްފޯސްތައް ވެސް އެކުލަވާލާފައިވާ ކަމަށެވެ.



