ފަލަސްތީނު ބަލައިގަތުމަށް ޔޫކޭ ޕާލިމެންޓުން ސަރުކާރަށް ގޮވާލައިފި

ފަލަސްތީނު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް އިނގިރޭސިވިލާތުގެ ޕާލިމެންޓު ކޮމިޓީން ސަރުކާރަށް ގޮވާލައިފިއެވެ.
ޔޫކޭ ޕާލިމެންޓުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޮމިޓީން ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި، ފަލަސްތީނު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ސަރުކާރަށް ގޮވާލައިފައިވާއިރު، މިކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކާއި ޓައިމްލައިނެއް ކަނޑައެޅުމަށްވެސް އެ ކޮމިޓީން ގޮވާލައިފައިވެއެވެ.
ޣައްޒާގެ އިންސާނީ ޙާލަތާއި، ވެސްޓް ބޭންކުގެ ކަންތައްތަކާއި، ރަށްވެހިކަން ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ޙާލަތާ ގުޅޭ ގޮތުން މި ރިޕޯޓު އެކުލަވާލާފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ގައި ހަމާސްއިން ދިން ހަމަލާތަކަށް އިސްރާއީލުން ދިން ޖަވާބުގެ ސަބަބުން އާންމު ރައްޔިތުން ގިނަ އަދަދަކަށް މަރުވެ، ޣައްޒާގެ އާންމު އިންފްރާސްޓްރަކްޗަރ ވަނީ ފުނޑުފުނޑުވެފައިކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޣައްޒާގެ އިންސާނީ އެހީގެ ބޭނުންތައް ފުއްދުމަށް ދުވާލަކު 500 އެހީގެ ޓްރަކު ބޭނުންވާއިރު، މިހާރު އެވްރެޖްކޮށް ވަންނަނީ އެންމެ 25 ޓްރަކުކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
2023 އޮކްޓޯބަރ 7 އިން ފެށިގެން އިޒްރާއީލުން ވަނީ ފަލަސްތީނުގައި ގަތުލުއާންމު ތަކެއް ހިންގައި 46،000 އަށްވުރެ މީހުން ޝަހީދުކޮށްފައެވެ. މީގެ އިތުރުން، ފަލަސްތީނުގެ މިލިޔަނަކަށްވު ގިނަ ރައްޔިތުން ވަނީ ރަށްވެހިކަން ގެއްލިފައެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު، އިޒްރާއީލުގެ މި އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ޔޫކޭ ސަރުކާރަށް ރިޕޯޓުގައި ގޮވާލާފައިވެއެވެ.
