ލަންދޫގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފި
ނ. ލަންދޫގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ދޭން މިއަދު ފަށައިފި އެވެ.
ރަސްމީކޮށް ލެބޯޓަރީ ނުހުޅުވި ނަމަވެސް ލަންދޫގައި ލެބޯޓަރގެ ޚިދުމަތް ދެމުން އަންނަތާ ދެތިން މަހެއް ވެފައިވާއިރު އެރަށުގެ ސިއްހީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއް ޔާތެއްގައި ލެބޯޓަރީގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.
ހެލްތްމިނިސްޓަރ ޢަބުދުﷲ އަމީން ނ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ލަންދޫއަށް ވަޑައިގަތީ ހެނދުނު 9:15 ހާއިރުއެވެ. އެމަނިކުފާނުގެ އަރިހުގައި ހެލްތްމިނިސްޓްރީގެ އިސްބައެއް ވެރިންނާއި، ނ.އަތޮޅު ކައުންސިލްގެ ރައީސާއި، އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރާއި، އަދިވެސް ޢިއްޒަތްތެރި ބައެއް ބޭފުޅުން ވަޑައިގެންނެވިއެވެ.
ނ. އަތޮޅު ހޮސްޕިޓަލުން މީގެ ކުރިން ލެބޯޓަރީގެ ޚިދުމަތް ހޯދަމުން އައި ނ. ލަންދޫއަކީ ގާތްގަނޑަކަށް 1100 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުން މިޚިދުމަތް ލިބެންފެށުމުން ރައްޔިތުންނަށް ލިބިގެންދިޔައީ ވަރަށް ބޮޑު ފަސޭހައެއްކަމަށް ރަށުގެ ގިނަރައްޔިތުން ޤަބޫލުކުރެއެވެ.
ލަންދޫގައި ތެލަސީމިޔާ ބަލި ހުންނަ ލޭ އަޅާ ހަތަރުކުދިން އުޅެ އެވެ. އެހެންކަމުން ރަށުގައި ލެބޯޓަރީގެ ހިދުމަތް ފެށުމުން އެކުދިންނަށް ލޭއެޅުމުގެ ފަރުވާ ހޯދަމުންދާނީ ރަށުގައި ތިބެގެންނެވެ.

ނ. އަތޮޅުގައި މިހާރު ލެބޯރޓްރީގެ ހިދުމަތް ލިބެނީ ލަންދޫގެ އިތުރުން ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ) އާއި ނ. ވެލިދޫ ސިއްހީ މަރުކަޒާއި ނ.ކެނދިކުޅުދޫ ސިއްހީ މަރުކަޒުގެ އިތުރުން ހޮޅުދޫ ސިއްހީ މަރުކަޒުންނެވެ.


