ލަންކާގެ އިސްވެރިންގެ ގެތަކުގައި ރޯކުރުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ
ސްރީލަންކާގެ ހަމަނުޖެހުން ބޮޑުވެ މުޒާހަރާގެ ބައިވެރިން ލަންކާގެ އިސްވެރިންނާއި، ލީޑަރުންގެ ގެތަކުގައި ހުޅުޖަހައި އަންދާލުމާ ގުޅިގެން ލަންކާ ސިފައިން މަގުމަތީގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުން އެބަދެއެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަޤާމުން ވަކިވެވަޑައިގެންނެވި ނަމަވެސް، މުޒާހަރާގެ ބައިވެރިންވަނީ އޭނާގެ ގެ ވަށާލައި ހަމަނުޖެހުން ހިންގާފައެވެ.
ކާފިއު އިއުލާންކޮށްފައި ވީނަމަވެސް މުޒާހަރާތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން މިހާތަނަށް ހަތް މީހަކު މަރުވެފައިވާއިރު 200 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
ހަމަނުޖެހުންތައް މައިތިރި ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، މުޅި ރަށުގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު ބުދަ ދުވަހުގެ ހެނދުނުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
ވެރިރަށް ކޮލަމްބޯގެ މަގުތައް އޮތީ ހުސްކޮށް ނަމަވެސް ރޭގެ ހަމަނުޖެހުންތަކުގެ ހެކި ހުރިހާ ތަނެއްގައި ވެސް އެބަހުއްޓެވެ. – ތަންތަނުގައި ރޯކުރަމުންދާ މީހުންތައް ނުހުއްޓުވެއެވެ.
ޕީއެމްގެ ގެކޮޅުގެ ބޭރުގައި ފުލުހުންގެ ބޮޑު ފައުޖެއް އޮތް އިރު، މީގެ ގަޑިއިރުތަކެއް ކުރިން ވެސް ވަނީ ހަމަނުޖެހުމެއްގެ މަންޒަރުތައް ފެންނަން ހުރި ކަމަށް ބުނެފައެވެ.





