އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރަކަށް ޙޫޘީން ހަމަލާ ދީފި

އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރު “އެއިސެންހޯވަރ” އަށް ޔަމަންގެ ހޫތީން މިސައިލް ހަމަލާއެއް ދީފި ކަމަށް ހޫތީން ބުނެފިއެވެ.
ރަތްކަނޑުން މަނަވަރު ދަތުރު ކުރަނިކޮށް ހޫތީން ހުކުރު ދުވަހު މި ހަމަލާ ދިނީ، ޔަމަންނަށް އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ބުނެފައިވެއެވެ.
އިނގިރޭސިންނާއި އެމެރިކާ ގުޅިގެން ޔަމަންނަށް ދިން ހަމަލާގައި 16 މީޙުން މަރުވެ 41 މީހަކު ޒަޚަމްވި ކަމަށްވެސް ޓީވީ މެދުވެރިކޮށް ސާރީ ދިން ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާ އާއި އިނގިރޭސި އަސްކަރިއްޔާ އިން ބުރާސްފަތި ދުވަހު ބުނީ، ޔަމަންގެ ހޫތީންގެ ބައެއް ތަންތަނަށް ހަމަލާ ދިނީ ރަތްކަނޑުން ދަތުރު ކުރާ ބޯޓު ފަހަރަށް ހޫތީން ހަމަލާ ދެމުންދާތީ ހޫތީން ފަހަތައް ޖެއްސުމުގެ ގޮތުން ކަމަށެވެ.
އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ދިން ހަމަލާތަކާ ގުޅިގެން ހޫތީން ބުނީ، އެއީ ޔަމަނުން ގާޒާ އަށް ތާއީދު ކުރާތީ ދިން އަނިޔާވެރި އަދަބެއް ކަމަށެވެ. އީރާނުންވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.
ޔަމަންގެ ވެރިރަށާއި އާބާދީ ބޮޑު އެހެން ސަރަހައްދުތައް ކޮންޓްރޯލް ކުރާ ހޫތީން ގެންދަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގާޒާއަށް އިޒްރޭލުން ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލާ އެމެރިކާ އާ ގުޅުން ހުރި ކަނޑު އުޅަނދު ފަހަރަށް ހަމަލާ ދެމުންނެވެ.
ޙޫޘީން ބުނީ އެމީހުންގެ ހަމަލާތައް ހުއްޓާނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލި ދުވަހަކުން ކަމަށެވެ.


