ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ތުރުކީގެ ރައީސް ސައޫދީއަށް ވަޑައިގެންފި
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް ތުރުކީގެ ރައީސް ސައޫދީއަށް ވަޑައިގެންފިއެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ބައްދަލުކުރެއްވީ ޖިއްދާގެ އަލް ސަލާމް ޕެލަސްގައި ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ސައުދީ ދައުލަތުގެ ނޫސް އޭޖެންސީ އެސްޕީއޭއިން ވަނީ ރިޕޯޓް ކޮށްފައެވެ.
ސައުދީ ދައުލަތުގެ ނޫސް އޭޖެންސީ އެސްޕީއޭއިން ރިޕޯޓްކުރާ ގޮތުގައި އުރުދުޣާން 2017 ވަނަ އަހަރުގެ ފަހުން ސައުދީ އަރަބިއްޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި އޭނާއަށް މަރުހަބާ ދެންނެވީ މައްކާ ސަރަހައްދުގެ ގަވަރުނަރު ޕްރިންސް ޚާލިދު އަލް ފައިސަލް ކަމަށެވެ.
ތުރުކީގެ ރިޔާސަތުން ކުރިން ވިދާޅުވެފައި ވަނީ މި ދަތުރުފުޅަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

” ދަތުރުފުޅުގެ ތެރެއިން ބާއްވާ މަޝްވަރާތަކުގައި ތުރުކީއާއި ސައުދީގެ ގުޅުމުގެ ހުރިހާ ކަމެއް އަލުން މުރާޖައާ ކުރެވޭނެ، އަދި މި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ. ދެގައުމުގެ ގުޅުމުގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ކަންކަމާ މެދު ހިޔާލު ބަދަލުކުރެވޭނެ،” ތުރުކީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސައުދީ އަރަބިއްޔާއާއި ތުރުކީގެ ގުޅުން ހީނަރުވެފައި މިވަނީ، ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި 2018 ވަނަ އަހަރު ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ހާދިސާއަށް ފަހުގައެވެ.
ނަމަވެސް އަންކާރާއިން ވަނީ ރިޔާދާއި އެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައެވެ.
ސައުދީ އަރަބިއްޔާގެ އިތުރުން، އުރުދުޣާން ގެންދަވަނީ، ކަރަންސީ ކްރޭޝްވެ، ޤައުމުގެ އިންފްލޭޝަން މައްޗަށްގޮސް އިގުތިސޯދީ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން، ސަރަހައްދުގެ އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅު ކުރެއްވުމަށްވެސް މަސައްކަތް ކުރައްވަމުންނެވެ.



