ބޭރުދުނިޔެ

ފަލަސްތީނު ގެ އަލް އަގްސާ މިސްކިތަށް އިޒްރޭލުން ދިން ހަމަލާތައް ސައުދީން ކުށްވެރިކޮށްފި

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ގުދުސްގައި ހުންނަ އަލް-އަޤްޞާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެގަނެ، ނަމާދުކުރަން ތިބި ފަލަސްތީނު މީހުންނަށް ހަމަލާދިން މައްސަލަ ކުށްވެރިކޮށް ސައުދީ އަރަބިއްޔާއިން ހުކުރު ދުވަހު ބަޔާނެއް ނެރެފިއެވެ.

“އަލްއަޤްޞާ މިސްކިތުގެ މާތްވެގެންވާ ބިމާއި، އެމިސްކިތުގެ ހުރުމަތްކަނޑާ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދިން ވަރަށް ފާޅުކަން ބޮޑު ހަމަލާއެއް،” ސައޫދީ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރޯދަ މަހު ނަމާދު ކުރަން މިސްކިތުގައި އެތައް ހާސް ބަޔަކު ތިބި އިރު، އިޒްރޭލު ފުލުހުން ފަލަސްތީނު މީހުންނަށް ވަނީ ހަމަލާ ދީފައެވެ.

އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ފަލަސްތީނާއި ހަމާސްގެ ދިދަ ހިފައިގެން ތިބި ފިރިހެނުން ތަކެއް އެ ކޮމްޕައުންޑްގައި ތިބީ ހިލައާއި އޮށްގައު ހިފައިގެންނެވެ. ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ހަމަލާގައި ފަލަސްތީނުގެ 150 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ.

ފަލަސްތީނު މީހުންނާއި އެމީހުންގެ ބިމާއި އެމީހުންގެ މާތްވެގެންވާ ތަންތަނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާއި، ހިންގަމުންދާ ގަތުލުއާންމުތަކަށް އިސްރާއީލު ސިފައިން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ސައުދީ އަރަބިއްޔާއިން ވަނީ ގޮވާލާފައެވެ.

އަދި މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތްތައް އަލުން ދިރުވުމުގެ ބޭނުންތެރިކަން ވެސް އޮތް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފަހަކަށް އައިސް އިސްރާއީލުގެ އާންމުންނާ ދެކޮޅަށް ފަލަސްތީނުން ދެމުންދާ ގިނަ ހަމަލާތައް ވެސް ހިމެނޭ ގޮތަށް ހަމަނުޖެހުންތައް އިތުރުވެ، ފަލަސްތީނާއި އިޒްރޭލާ ދެމެދު ކުރިމަތިލުންތައް އަލުން ހިނގުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް މިފަދަ ހަމަނުޖެހުންތައް ހިނގައި، ހަމާސްއާއި އިސްރާއީލާ ދެމެދު ފާއިތުވި އަހަރުތަކުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުން ވަނީ ހޫނުވެފައެވެ. 11 ދުވަހުގެ ހަނގުރާމަ ނިމުމަކަށް އައީ މިސްރާއި އުރުދުން އަދި އެމެރިކާ ފަދަ މެދުމިނުގެ ސިޔާސަތުތައް އޮންނަ ޤައުމުތަކުގެ ސުލުހައިގެ ވާހަކަތަކަށް ފަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close