12 ކިލޯ ޑްރަގް މައްސަލާގައި ދިވެއްސަކާ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ރޭ އަތުލައިގަތް 12 ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކޮށްފައިވާ އިންޑިއާ މީހާގެ އިތުރުން، ދިވެހި ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިމައްސަލާގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ޙާޟިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަންގައިފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ދިވެހި މީހާގެ ބަންދަށް 10 ދުވަސް ވަނީ ކޯޓުން ޖަހާފައެވެ. އަދި އިންޑިއާ މީހައާ ބަންގްލަދޭޝް މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.
މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލާގައި ރޭ ހައްޔަރުކޮށްފައިވާ އިންޑިއާ މީހާއަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލާގައި ދެފަހަރު ހައްޔަރު ކޮށްފައިވާ މީހެއްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.


