އަފްޣާނިސްތާނު ހަނގުރާމައިގައި ނޭޓޯ ސިފައިން ކުރީ ސަފުގައި ޙަރަކާތްތެރި ނުވެ - ޓްރަމްޕް

އަފްޣާނިސްތާނު ހަނގުރާމައިގައި ނޭޓޯ (NATO) ގެ ސިފައިން ކުރީސަފުގައި ހަރަކާތްތެރިވެފައި ނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.
އެމެރިކާގެ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ މި އަސްކަރީ އިއްތިހާދުގެ މުހިންމުކަމާ މެދު އަނެއްކާވެސް ސުވާލު އުފައްދަވާފައެވެ. އަދި އެމެރިކާއަށް އެހީތެރިކަމަކަށް ބޭނުންވާ ހާލަތެއްގައި ނޭޓޯގެ ބައިވެރިން އެހީތެރިކަން ފޯރުކޮށްނުދޭނެ ކަމަށްވެސް އޭނާ އިޝާރާތް ކުރެއްވިއެވެ. ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއަށް ދުވަހަކުވެސް ނޭޓޯގެ ބޭނުން ޖެހިފައި ނުވާ ކަމަށާއި، އެފްޣާނިސްތާނުގެ ހަނގުރާމައިގެ ތެރޭގައި އިއްތިހާދުގެ ލަޝްކަރުތައް ތިބީ “ކުރީސަފާ ތަންކޮޅެއް ދުރުގައި” ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ސިޔާސީ އެކި ފަންތިތަކުގެ ބޭފުޅުންގެ ނުރުހުން ޓްރަމްޕަށް ވަނީ އަމާޒުވެފައެވެ. މިގޮތުން، 20 އަހަރަށް ދެމިގެންދިޔަ އެ ހަނގުރާމައިގައި ނޭޓޯގެ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ބޮޑެތި ގުރުބާނީތަކެއް ވެފައިވާކަން ފާހަގަކޮށް، ފާޑުކިޔާ ފަރާތްތަކުން ވަނީ ޓްރަމްޕްގެ އަމިއްލަ އަސްކަރީ ރެކޯޑާ މެދުވެސް ސުވާލު އުފައްދާފައެވެ.
