ފީއަލީގައި ޑެންގޫ ޖެހުނު ކުއްޖަކު ސީރިޔަސްވެ ބޭރަށްގެންދަނީ
ފ. ފީއަލީގައި ޑެންގޫހުން ޖެހިގެން ރޭ މާލެގެނައި 6 ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސްވެ، ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފިއެވެ.
އެއްކުއްޖަކު ބޭރަން ގެންދަން ނިންމިއިރު އަނެއް 5 ކުދިންނަށް އައިޖީއެމްގައި ދަނީ ފަރުވާދެމުންނެވެ.
ޑެންގޫގެ އިތުރުން ފ.ފީއަލީގައި ބޭރަށްހިންގުމުގެ ރޯގާވެސް ފެތުރެމުންދާކަމަށް ޚަބަރުލިބެއެވެ. ފީއަލިން ވާހަކަ ދެއްކި މީހަކުބުނީ ރޯގާ ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި، ނަމަވެސް އެކަށީގެންވާ ސިއްހީ ފަރުވާ ރަށުން ލިބޭކަމަށް ޤަބޫލުނުކުރާކަމަށެވެ.
އަބަދުވެސް އޮންނަނީ ކޮންމެވެސް ބޭހެއް ހުސްވެފައި، ޑޮކްޓަރު ލިޔެދެއްވާ ބޭހެއް ނުލިބޭ ބޭސްފިހާރައަކުން. އެހެންވީމާ ވަރަށް ދަތިވޭ. އެމީހާ ބުންޏެވެ.
ބައެއް މީހުންގެ ވާހަކަތައް މިގޮތަށް ހުރިނަމަވެސް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން އެރަށުގެ ޙާލަތު ވަރަށް ކައިރިން ބަލަމުން އަންނަކަމަށް އެފަރާތްތަކުން ބުނެއެވެ. އެގޮތުން، ޑެންގޫ ޖެހުނު ކުދިން އެމްއެންޑީއެފްގެ އެހީތެރިކަމުގައި ރޭ މާލެގެނެސް ފަރުވާދެމުން ދާކަން ފާހަގަކޮށްލެވެއެވެ.

