ޚަބަރު

ޖެންޑަރ މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމައިފި

ހިޝާންގެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީގެ އިސްވެރިން މަޖްލިސްގެ ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމައިފިއެވެ.

އަޙްމަދު ހިޝާނަކީ ޖިންސީ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ފުލުހުންގެ އިންޓެލިޖެންސުން ޖެންޑަރ މިނިސްޓްރީއަށް އަންގާފައިވޭތޯ ލިޔުމުން ސާފުކުރުމާއެކު ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދު ވަނީ އެގޮތަށް ނިންމާފައެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓިގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވަނީ، ހިޝާންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުންގެ އިންޓެލިޖެންސް އިން ޖެންޑަރ މިނިސްޓްރީއާ ޙިއްސާކުރައްވާފައިވާނަމަ އެމަޢުލޫމާތު މާދަމާގެ ނިޔަލަށް ކޮމިޓީއާއި ހިއްސާކުރުމަށް ފާސްކޮށްފައެވެ. އަދި މި މައްސަލައާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީގައި ހުރި ހުރިހާ މަޢުލޫމާތުތަކެއްވެސް ކޮމިޓީއާއި ހިއްސާކުރުމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންވަނީ ފާސްކޮށްފައެވެ.

މެންބަރުން ވަނީ މި މައްސަލަ ދިގުލައިގެން ނުދާނޭގޮތަށް ވީހާވެސް އަވަހަށް ނިންމުމަށްވެސް އެއްބަސްވެވަޑައިގެންފައެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީން އެކަމާ ގުޅޭ މަޢުލޫމާތު މާދަމާ ލިޔުމުން ހޯދުމަށްފަހު، ވީހާވެސް އަވަހަށް އެ މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ޙާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

މެންބަރުން ވަނީ ޖިންސީ ގޯނާއާއި ގުޅޭ ގިނަ މަސައްސަލަތަކެއްގައި ޖެންޑަރ މިނިސްޓްރީއާއި ފުލުހުންނާއި، އެނޫންވެސް މުއައްސަސާތައް ކޮމިޓީއަށް މީގެ ކުރިން ޙާޒިރުކޮށްފައި ވީނަމަވެސް، ހިސާންއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެ އިދާރާތަކަށް އެނގިތިބެ ކޮމިޓީއާއި ހިއްސާކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން މި ކޮމިޓީގައި ވަނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި މަންމައަކު އޭނާގެ ފިރިހެން ދަރިފުޅަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުލަތުން އަޅާފައިވާ ފިޔަވަޅުތައް މާދަމާގެ ނިޔަލަށް ކޮމިޓީއާއި ހިއްސާކުރުމަށްވެސް ފާސްކޮށްފައެވެ.

އެގޮތުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ އަންހެން މީހާގެ އިތުރު ދަރިން ތިބިނަމަ އެކުދިން މިހާރު ތިބީ ކޮންބައެއްގެ ބެލުމުގެ ދަށުގައިތޯއާއި އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދީފައިވޭތޯ ސާފުކުރުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close