ޚަބަރު

ޓެކްސީ ދަތުރު ތަކުގެ އަގު ބޮޑުކުރާނަމަ ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް


ޓްރާސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގު ނަގާނަމަ އެޓެކްސީއަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް ރޭ ބޭއްވި 14 ޓެކްސީ ސެންޓަރުގެ ބައްދަލުވުމެއްގައި ވަނީ ނިންމާފައެވެ. އަދި މިނިންމަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެކަމަށް ވަނީ ބުނެފައެވެ.

މިނިންމުމާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތަށް ނިންމީ ތަކެތީގެ އަގުތަކަށާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށާއި ސެންޓަރުތަކަށް ގެއްލުން ވަމުންދާތީއެވެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތައް:

– މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް – 30 ރުފިޔާ
– ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް – 25 ރުފިޔާ
– ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް – 25 ރުފިޔާ
– ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް – 40 ރުފިޔާ
– ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް – 120 ރުފިޔާ
– މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް – 100 ރުފިޔާ
– އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް – 80 ރުފިޔާ
– އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް – 80 ރުފިޔާ
– ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
– މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
– ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް – 120 ރުފިޔާ

ރޭގަނޑު 12:00 އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށާއި ހަޔާކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ޓެކްސީ ސެންޓަރުތަކުން ނިންމާފައިވަނީ އަގުތައް ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު އަގު ކަނޑައަޅައި، އެ އަގަށް ދަތުރުކުރުމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރިއިންވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close