އިޓަލީގައި މަރުވި ދިވެހި މީހާގެ ހަށިގަނޑު ރާއްޖެ ގެންނަނީ
އިޓަލީގެ މިލާނުގައި އިއްޔެ ދަންޖެހިފައި ހުއްޓާ ފެނުނު ހދ.ނޮޅިވަރަމްފަރު، ވައިމަތީގޭ އުމުރުން 44 އަހަރުގެ މަހްމޫދު އިމާދުގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އާއިލާއިން ބުނެފިއެވެ.
މީޑިއާގައި ޚަބަރުތައް ފެތުރިފައިވާ ގޮތަށްބަލާއިރު މަމްދޫހު ވަނީ ބަޔަކު ގަސްތުގައި އޭނާއަށް އަނިޔާކޮށް ދަންޖައްސުވައިގެން މަރާލާފައެވެ.
މަރާލާފައިވާ ކަމަށް އެރަށު ތެރޭގައިވެސް ވަނީ އަޑުފެތުރިފައެވެ. އަދި އެކަން މިހާރު ފޮރިން މިނިސްޓްރީންވެސް ދަނީ ބަލަމުންނެވެ. އޭނާ އަކީ އިޓަލީވިލާތުގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އޭނާގެ މައިދައިތަ އަށެވެ.
އިމާދުގެ އާއިލާއިން ބުނެފައިވަނީ އިމާދުގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ސީދާ ގެނެވޭނީ ކޮން ދުވަހެއްގައި ކަމެއް ނޭނގޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
އިމާދު އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ ކަމަށް އާއިލާއިން ބުންޏެވެ. އަމިއްލަ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތުގައި އުޅުމަށް ފަހު އޭނާ އެނބުރި އިޓަލީ އަށް ދިޔައީ މޭ މަހުގެ ތެރޭގައެވެ. އިމާދު މަރުވި އިރު އޭނާގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ ހުރީ އިމާދުގެ ރަށް ނޮޅިވަރަންފަރުގައެވެ.
