ޚަބަރު

ޕީޖީ އޮފީސްތެރޭ މިހާރު ކޮރަޕްޝަން ނޯންނާނެކަމުގެ ޔަގީންކަން ޕީޖީ ޝަމީމް ދެއްވައިފި


ޕްރޮސިކިއުޓަ ޖެނަރަލް(ޕީޖީ) އޮފީސްތެރޭ މިހާރު ކޮރަޕްޝަން ނޯންނާނެކަމުގެ ޔަގީންކަން ޕީޖީ ހުސެއިން ޝަމީމް ދެއްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޕީޖީ ޝަމީމާއިއެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، ޕީޖީ އޮފީސްތެރޭ ކޮރަޕްޝަން ނޯންނަނީ މިހާރު ނިޒާމު އޮތްގޮތުން ކަމަށެވެ.

”މުޅި ރާއްޖޭގެ ގަވާނަންސަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން. އަޅުގަނޑު މި އެންޝުއާ ކުރަނީ ކޮރަޕްޝަނެއް ޕީޖީ އޮފީސްތެރެއަކު ނޯންނާނެ، ނޯންނަނީ ކޮންމެހެން އަޅުގަނޑުމެން މާ މޮޅުވެގެނެއް ނޫން. އެއީ ނިޒާމު އޮތްގޮތުން، “ ޕީޖީ ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުން މިހާރު މަސައްކަތް ކުރަމުންދަނީ ވަކި ނިޒާމެއްގެ ތެރެއިން ކަމަށެވެ. މުޅި އޮފީހުގެ 90 އިންސައްތަ މަސައްކަތްތައް ކުރަމުންދަނީ “ދުންފުނި” ކިޔާ ކޭސް މެނޭޖްމެންޓު ސޮޕްޓުވެއާއެއް މެދުވެރިކޮށް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕީޖީ އޮފީހަށް ފުލުހުން މައްސަލައެއް ހުށަހަޅައި ހިސާބުން ފެށިގެން ކޯޓު މަރުހަލާއިިން މައްސަލަ ނިމެންދެން ކުރިއަށް ދާނީ އެ ނިޒާމުގެ ތެރެއިންކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އެ ނިޒާމުގެ ބޭރުން އެެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

“ލިޔެކިއުމުން ފެންނަން ނެތް މުއާމަލާތެއް ލިޔެކިއުމުން ފެންނަން ނެތް ކަމެއް ޕީޖީ އޮފީސްތެރެއަކު ނުއެއް ހިގާނެ، “ ޕީޖީ ޝަމީމް ވިދާޅުވި އެވެ.
މީގެ އިތުރުން އެއްވެސް ކަހަލަ ނިންމުމެއް ނިންމާނަމަ އެކަންވެސް ލިޔެކިއުމުން ފެންނަން އޮތުމާއި، ހުދު ޕީޖީ ޝަމީމާއި ބައްދަލުކުރަން އަންނަ ފަރާތްތަކާއި، ބައްދަލުވުމުގައި ދެއްކި ވާހަކަތަކުގެ ލިޔެކިޔުމުން ފެންނަން ހުންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

“އަދި މީގެ އިތުރުން މަދުވެގެން ތިން ބޭފުޅުން ބައިވެރިވެގެން ނޫންގޮތަކަށް އެއްވެސް ނިންމުމެއް ނުނިންމޭނެ، އެހެންވީމައި އަޅުގަނޑުމެންތެރޭ ކޮރަޕްޓުވުމުގެ ފުރުސަތެއް ނޯންނާނެ. އެ ވަންޏާ ވާނީ ވަރަށް ބައިވަރު މީހުންނާއި އެއްކޮށް.”ޕީޖީ ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ، ތިން ހަތަރު ނިންމާ ނިންމުމެއް އަދި އެއްޗެއްގައި ލިޔެގެން ނިންމާއިރު، ކޮރަޕްޓުވުމުގެ ވިސްނުން ގެންގުޅުމަކީވެސް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close