އަގަށް ބަދަލު ނުގެނެސްފިނަމަ ޓެކްސީ ދަތުރުތައް ހުއްޓާލަން ނިންމައިފި
ތެލުގެއަގާއި، ތަކެތީގެ އަގު އުފުލިފައިވާ މިދަނޑިވަޅުގައި، ޓެކްސީތަކުން ކުރާ ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމަށް ސަރުކާރުން ދެކޮޅު ހަދާނަމަ ޓެކްސީ ދަތުރުތައް ހުއްޓާލަން ގިނަ ސެންޓަރު ތަކުންނާއި، ޑްރައިވަރުން ނިންމައިފިއެވެ.
ޓެކްސީތަކުން ނަގާ އަގު ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުން މިނިސްޓަރ ނަހުލާއާއި ހިއްސާ ކުރައްވައި ބައްދަލު ކުރުމަށް އެދި ފޮނުވި ސިޓީގައި ބުނެފައިވަނީ ޓެކްސީ ޚިދުމަތުގެ އަގު ނެގުމުގައި، ޚިދުމަތުގައި އުޅޭ ހުރިހާ ކާރުތަކެއްގައި މީޓަރު ހަރުކޮށްގެން އަގު ނެގުމުގެ އިންތިޒާމު، ވީ އެންމެ އަވަހަކަށް ތަންފީޒު ކުރުމަށް ހުރިހާ ޓެކްސީ ސެންޓަރުތަކުގެ އިއްތިފާގުން ފާސްވެ އެކަމަށް މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި ޓެކްސީ ސެންޓަރުތަކުން އަގަށް ގެނައި ބަދަލަށް އެއްބަސް ނުވާނަމަ މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލާނެކަމަށް ސެންޓަރުތަކުން މިއަދު ވަނީ ބުނެފައެވެ.
ބްރާސްފަތި ދުވަހު ދަތުރުތައް ހުއްޓާލުމަށް ހަމަޖެހިފައިވަނީ މާލޭގައި ދުއްވާ ހުރިހާ ޓެކްސީ ސެންޓަރުތަކުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރޭވެސް ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައިވެސް ޓެކްސީ ދުއްވާ މީހުންވަނީ ހިމޭން އިހުތިޖާޖެއްވެސް ކޮށްފައެވެ.
މާލެ އަދި ހުޅުމާލެ އެތެރޭގައި ޓެކްސީ ދަތުރެއް މީގެ ކުރިން 25ރ. އަށް ކުރި އިރު ޕެޓްރޯލް ލީޓަރެއް ލިބެނީ 8ރ. އަށެވެ. އެކަމަކު، އިއްޔެ އިން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60ރ. އަށް ވަނީ އުފުލިފައެވެ.
މާލެ ސަރަޙައްދުގައި ކަނޑައަޅާފައިވާ އަގުތަކަށްވުރެ އިތުރަށް ޓެކްސީ ދަތުރުތަކުން އަގު ނަގާނަމަ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ފިޔަވަޅުއަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޓެކްސީ ދަތުރުތަކުން ނަގާނެ އަގުތައް ޢާއްމުކޮށް އަގުނެގުމުގައި އުސޫލާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން އިލްތިމާސްކުރައްވާފައި މިވަނީ، ދުނިޔޭގެ ތެލުގެއަގު ބޮޑުވެ، ރާއްޖޭގައިވެސް ޑީސެލާއި ޕެޓްރޯލްގެ އަގު ބޮޑުވުމާއެކު ބައެއް ޓެކްސީ ޑްރައިވަރުން އަމިއްލައަށް ދަތުރުތަކަށް ބޮޑުއަގު ނެގުމުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ޑްރައިވަރުންގެ މިގޮތަށް ޢަމަލުކުރާތީ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު ހުޅުމާލެ ނުހިމެނޭހެން މާލެގެ އެތެރޭގައި ކުރާ ދަރެއް، ނުވަތަ މާލެ ނުހިމެނޭހެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ނުވަތަ ދެވަނަ ފިޔަވަހީގެ އެތެރޭގައި ކުރާ ކޮންމެ ދަތުރަކަށް ނެގޭނީ ގިނަވެގެން 25 ރުފިޔާއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރަކަށް ގިނަވެގެން ނެގޭނީ 40 ރުފިޔާއެވެ.
މާލެ އާއި އެއަރޕޯޓާ ދެމެދު ނުވަތަ ހުޅުމާލެއާއި އެއަރޕޯޓާ ދެމެދު ކުރާ ކޮންމެ ދަތުރަކަށް ނެގޭނީ ގިނަވެގެން 60 ރުފިޔާއެވެ. 75 ރުފިޔާ ނެގޭނީ މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާދެމެދު ނުވަތަ އެއަރޕޯޓާއި ހުޅުމާލެ ދެވަނަ ފިޔަވައްސާދެމެދު ކުރާ ދަތުރުތަކަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް ނެގޭނީ ގިނަވެގެން 90 ރުފިޔާއެވެ. މި އަގުތަކުގެ އިތުރަށް މެންދަމު 12:00 އިން ހެނދުނު 6:00އަށް ކުރާ ކޮންމެ ދަތުރަކަށް ކަނޑައަޅާފައިވާ އަގުތަކަށްވުރެ އިތުރަށް 5 ރުފިޔާ ނެގިދާނެއެވެ.
ފުލުހުން ވިދާޅުވީ ކަނޑައަޅާފައިވާ އަގުތަކުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީގެ އެތެރެއަށް އަރުވާ ދާގިނާއަކަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއް ކަމަށެވެ. އަދި އިތުރަށް ފައިސާ ނަގާނަމަ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއެވެ.



Awahah huhtaalaa. Maabodahves las vehjje thikan kuran. . Thi taxi dhuhcaa meehunge balaa bodukamu magumathee hingaa nuley.