ޔޫކްރެއިންގައި ދޭ ހަމަލާ “ހުރިހާ ދިމާލަކުން” ފުޅާކުރުމަށް ރަޝިޔާގެ އަސްކަރިއްޔާއަށް އަންގައިފި: ދިފާއީ ވުޒާރާ
ބެލަރޫސްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކިއޭވް ދެކޮޅު ހެދުމުން ޔޫކްރެއިންގައި ދޭ ހަމަލާ “ހުރިހާ ދިމާލަކުން” ފުޅާކުރުމަށް ރަޝިއާގެ އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށް އެގައުމުގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ބުނެފި އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ އަމުރުފުޅުގެ މަތިން ޔޫކްރެއިންގެ ވެރިރަށް ކިޔޭވްއަށް ދިން ޙަމަލާގެ ތިން ވަނަ ދުވަހު ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކިޔޭވްގެ އައްސޭރިފަށަށުގެ ސަރަޙައްދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާފައެވެ.
“ޔޫކްރެއިންގެ ފަރާތުން މަޝްވަރާގެ މަރުހަލާއާ ދެކޮޅު ހެދުމުން، މިއަދު ހުރިހާ ޔުނިޓަކަށް ވެސް ވަނީ އޮޕަރޭޝަންގެ ޕްލޭންތަކާ އެއްގޮތަށް ހުރިހާ ދިމާލަކުން އެޑްވާންސް ޑިވެލޮޕް ކުރުމަށް އޯޑަރު ދީފައި،” ރަޝިއާ އަސްކަރިއްޔާގެ ތަރުޖަމާނު އިގޯރް ކޮނަޝެންކޯވް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
ކްރެމްލިން އިން ހުކުރު ދުވަހު ބުނީ ޔޫކްރެއިން އާއެކު މަޝްވަރާކުރުމަށް ބެލަރޫސްއަށް ވަފުދެއް ފޮނުވަން ޕޫޓިން ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ޔޫކްރެއިން އިން ބޭނުންވަނީ ވޯސޯގައި މަޝްވަރާކުރަން ކަމަށެވެ.
ޔޫކްރެއިން އިން ބުނަނީ ބެލަރޫސް ގެ އިތުރުން ގިނަ ފަރާތްތަކަކުން ހަމަލާ ދެމުންދާ ކަމަށެވެ.
މިކަމުގެ ގިނަ ހެކިތަކެއް ލިބިފައިވީ ނަމަވެސް، ރަޝިޔާ ސިފައިން މަދަނީ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާނުދޭ ކަމަށް ކޮނަޝެންކޯވް ވަނީ ތުހުމަތު ކުރައްވާފައެވެ.
ޔޫކްރެއިން އިން ހޮނިހިރު ދުވަހު ބުނީ މޮސްކޯ އިން ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް އާންމުންގެ 198 މީހުން މަރުވެފައިވާ ކަމަށެވެ.
“ހާއްސަ އަސްކަރީ އޮޕަރޭޝަނެއް” ގެ ނަމުން ނަންދީފައިވާ މި އިންގިލާބުގައި މިހާތަނަށް މަރުވެފައިވަނީ އެގައުމުގެ ކިތައް ސިފައިން ކަމެއް ރަޝިޔާއިން އަދި ނުބުނެއެވެ.
މޮސްކޯއިން ބުނީ އެގައުމުގެ އަމާޒަކީ ޔޫކްރެއިން “ޑި-ނަޒާފިއާ” ކުރުން ކަމަށެވެ.
ރަޝިޔާގެ އިންޓަފެކްސް ނޫސް އޭޖެންސީން ބުނެފައިވަނީ، ރަޝިޔާގެ ވެރިރަށް ކިޔޭވް ހިމެނޭ ގޮތަށް މޮސްކޯއިން ކޯޑިނޭޓެޑް ކްރޫޒް މިސައިލާއި، އާޓިލިރީ ހަމަލާތައް ދޭން ފެށުމާއެކު، ރަޝިޔާގެ ސިފައިން ޔޫކްރެއިންގެ ދެކުނުއިރުމަތީ ސިޓީއެއް ކަމަށްވާ މެލިޓޯޕޯލް ހިސޯރުކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން ހޮނިހިރު ދުވަހު ރަޝިއާގެ ޗެޗްނިއާ ސަރަހައްދުގެ ލީޑަރު އަދި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އެކުވެރިއެއް ކަމަށްވާ ރަމަޒާން ކަދިރޯވް ވިދާޅުވީ ޗެޗްނިއާގެ ހަނގުރާމަވެރިން ޔޫކްރެއިންއަށް ފޮނުވާފައިވާ ކަމަށާއި ޔޫކްރެއިންގެ ރައްޔިތުން އެމީހުންގެ ސަރުކާރު ވައްޓާލުމަށް އިލްތިމާސް ކުރާ ކަމަށެވެ.

