ޚަބަރު

މަޑިވަރު އެއާޕޯޓް ޓިކެޓުގެ އަގަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް

ޅ. މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގަށ ްހެޔޮ ބަދަލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޅ. ނައިފަރުގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެވެ. ރައީސް ވިދާޅުވީ ޓިކެޓުގެ އަގާއި މެދު އަތޮޅުގެ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މަޑިވަރު އެއާޕޯޓް ހުޅުވުމަކީ ޅ. އަތޮޅުގެ އިގްތިސާދަށް ލިބުނު އާ ދިރިމެއް ކަމަށެވެ. އަދިި އެ އަތޮޅު ދަތުރުފަތުރަށް ވެސް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަން ފާހަގަކުރެއްވި އެވެ.

އެ އެއާޕޯޓުގެ ދަތުރުތަކުގައި ކޮޅަކަށް 1،029 ރުފިޔާ ނަގަން އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމާފަ އެވެ. ރައީސް ވިދާޅުވީ މި އަގު ބަލައިގަންނަން އުނދަގޫވެފައިވާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަގާ މެދު ވަގުތުން އެއްޗެއް ދަންނަވަން ދަތިވިޔަސް އެކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ އެވެ.

މިއީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ހޯލްޑިންގްސުން ތަރައްޤީކުރި އެއާޕޯޓެކެވެ.

މަޑިވަރު އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ. އަދި 1200 މީޓަރުގެ ރަންވޭއަކާއި، ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކޮށްފައެވެ.

ޖުމްލަ 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ25 ވަނަ ދުވަހު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close