ކޮންމެ ރެޔަކު ތަބާރަ ސޫރަތް ކިޔެވުމުގެ މާތްކަމާއި މަތިވެރިކަން (2 ވަނަބައި)
އަހަރެން ބުނަމެވެ: އަލްޢަލްވާން މިތާގައި ނިސްބަތް ކުރައްވާފައިވާ އަލްޙާކިމް ގެ މުސްތަދްރަކް ގައިވާ ސަނަދުގައި އެވާ ރިވާޔަތަކީ އަންނަނިވި ރިވާޔަތެވެ — ﷲ أعلم :
أَخْبَرَنِي الْحَسَنُ بْنُ حَلِيمٍ الْمَرْوَزِيُّ ، أَنْبَأَ أَبُو الْمُوَجِّهِ ، أَنْبَأَ عَبْدَانُ ، أَنْبَأَ عَبْدُ اللَّهِ ، أَنْبَأَ سُفْيَانُ ، عَنْ عَاصِمٍ ، عَنْ زِرٍّ ، عَنِ ابْنِ مَسْعُودٍ – رَضِيَ اللَّهُ عَنْهُ – ، قَالَ :
ސުފްޔާން ގެ އަރިހުން، ޢާޞިމް ގެ އަރިހުން، ޒިއްރި ގެ އަރިހުން، އިބްނު މަސްޢުދު – رَضِيَ اللَّهُ عَنْهُ – އަރިހުން، ވިދާޅުވިޔޭ:
”يُؤْتَى الرَّجُلُ فِي قَبْرِهِ فَتُؤْتَى رِجْلَاهُ فَتَقُولُ رِجْلَاهُ : لَيْسَ لَكُمْ عَلَى مَا قِبَلِي سَبِيلٌ كَانَ يَقُومُ يَقْرَأُ بِي سُورَةَ الْمُلْكِ ، ثُمَّ يُؤْتَى مِنْ قِبَلِ صَدْرِهِ أَوْ قَالَ بَطْنِهِ ، فَيَقُولُ : لَيْسَ لَكُمْ عَلَى مَا قِبَلِي سَبِيلٌ كَانَ يَقْرَأُ بِي سُورَةَ الْمُلْكِ ، ثُمَّ يُؤْتَى رَأْسُهُ ، فَيَقُولُ : لَيْسَ لَكُمْ عَلَى مَا قِبَلِي سَبِيلٌ كَانَ يَقْرَأُ بِي سُورَةَ الْمُلْكِ ، قَالَ : فَهِيَ الْمَانِعَةُ تَمْنَعُ مِنْ عَذَابِ الْقَبْرِ وَهِيَ فِي التَّوْرَاةِ سُورَةُ الْمُلْكِ ، وَمَنْ قَرَأَهَا فِي لَيْلَةٍ فَقَدْ أَكْثَرَ وَأَطْنَبَ “.
”މީހާގެ ގާތަށް (މަލާއިކަތުން) އޭނާގެ ޤަބުރުގައިވަނިކޮށް އާދެއެވެ. އެހެންކަމުން އޭނާގެ ފައިދޮށަށް ދެއެވެ. ދެން އޭނާގެ ފައި ބުނެއެވެ: “އަހަރެން ގާތުން ކަލޭމެންނަށް މަގެއް ނެތެވެ. އޭނާ ތެދުވެ ސޫރަތުލް މުލްކު ކިޔަވައި އުޅުނެވެ.” ދެން އޭނާގެ މޭދޮށަށް — ނުވަތަ ވިދާޅުވި —ބަނޑުދޮށަށް ދެއެވެ. އެބުނެއެވެ: “އަހަރެން ގާތުން ކަލޭމެންނަށް މަގެއް ނެތެވެ. އޭނާ ސޫރަތުލް މުލްކު ކިޔަވައި އުޅުނެވެ.” ދެން އޭނާގެ ބޮލާއިވީ ކޮޅަށް ދެއެވެ. އެބުނެއެވެ: “އަހަރެން ގާތުން ކަލޭމެންނަށް މަގެއް ނެތެވެ. އޭނާ ސޫރަތުލް މުލްކު ކިޔަވައި އުޅުނެވެ.” (އިބްނު މަސްޢޫދު) ވިދާޅުވިއެވެ: އެހެންކަމުން އެއީ الْمَانِعَةُ އެވެ. (މަނަޢުކުރާ ފަރާތެވެ.). އެ ޤަބުރުގެ ޢަޛާބު މަނަޢު ކުރެތެވެ. އަދި ތަޥްރާތުގައި އެސޫރަތް ވަނީ ސޫރަތުލް މުލްކު ގޮތުގައެވެ. އަދި ރޭގަނޑަށް އެކިޔައިފި މީހާ، ވަރަށް ގިނަ (ހެޔޮކަންތައް) ކޮށްފިއެވެ. އަދި އޭނާ ގަދައަޅައިފިއެވެ.“
ނޯޓް: މިރިވާޔަތުގައި ވަނީ، الْمَانِعَةُ (އަލްމާނިޢާ) އޭ އެވެ. އަދި (المنجية) ”އަލްމުންޖިޔާ“ ކަމަށް ރިވާވެފައި ވަނީ އެހެން ރިވާޔަތެކެވެ.
އަލްއަލްވާން ޚުލާސާކޮށް ވިދާޅުވިއެވެ: ”މުލްކު ސޫރަތުގެ ފަޟުލު އާއިމެދު އަދި އެއީ المنجية ކަމާއިމެދު، މަރްފޫޢުކޮށް އައިސްފައިވާ އެންމެހާ ޙަދީޘްތަކުގައި ބަލިކަށިކަން އެކުލެވެއެވެ. އޭގެ ފަޟުލު ޘާބިތުވެފައިވަނީ އިބްނު މަސްޢޫދު އަރިހުން މަޥްޤޫފު ގޮތުގައެވެ. އަދި އެއަށް މަރްފޫޢު ގެ ޙުކުމް ދެވުން އެއީ ގާތްގޮތެކެވެ.“ (ބައްލަވާ)
އަދި އައްނަސާއީ އިބްނު މަސްޢޫދު ގެ ރިވާޔަތް މުޚްތަޞިރު ކޮށް، އެނޫން މަގަކުން ގެންނެވިއެވެ.⁽⁵⁾
ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ: ”އޭގައި (ރާވީން ތެރޭ) ޢާޞިމް އެކުލެވެއެވެ. އެއީ ޤިރާޢަތްތަކުގެ ޙުއްޖަތް އޮތް ބޭފުޅާއެވެ. އެއީ މިރިވާޔަތުގެ މުހިއްމު ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި މިރިވާޔަތަށް ވާ ޙުކުމަކީ އައްރަފަޢު އެވެ.“
ނިންމާލުން:
ތަބާރަ ސޫރަތް “ރޭގަނޑު ގައި” ކިޔެވުމުގެ މައްޗަށް، ފަހުގެ މުޙައްދިޘުންގެ ތެރެއިން އަލްޢަލްވާން ގެ އިތުރުން، ޢަބްދު ﷲ އައްސަޢްދު އާއި، ޢަބްދުލް ޢަޒީޒް އަލްޚުޟައިރު އާއި ޢަބްދުލް ޢަޒީޒް އައްޠަރީފީ ވިދާޅުވެފައިވެއެވެ. އަދި “ނިދަން އޮށޯތުމުގެ ކުރިން” ކަމަށް ވާ ރިވާޔަތްތައް ޘާބިތެއް ނޫނެވެ. އެހެންކަމުން ރޭގަނޑުގެ ކޮންމެ ވަޤުތަކުވެސް އޭގެ ފައިދާ ހޯދިދާނެއެވެ. الله أعلم.
______________
[5] އެރިވާޔަތަކީ: عَنْ عَبْدُ اللهِ بِنْ مَسْعُوْدٍ قَالَ : «مَنْ قَرَأَ تَبَارَكَ الَّذِيْ بِيَدِهِ الْمُلْكُ كُلَّ لَيْلَةٍ مَنَعَهُ اللهُ بِهَا مِنْ عَذَابِ الْقَبْرِ , وَكُنَّا فِيْ عَهْدِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نُسَمِّيْهَا اَلْمَانِعَةِ , وَإِنَّهَا فِيْ كِتَابِ اللهِ سُوْرَةٌ مَنْ قَرَأَ بِهَا فِيْ كُلِّ لَيْلَةٍ فَقَدْ أَكْثَرَ وَأَطَابَ» ޢަރްފުޖަތު ބްނު ޢަބްދުލް ވާޙިދް ގެ މަގުން، ޢާޞިމް އަރިހުން ޒިއްރުގެ އަރިހުން: ޢަބްދުﷲ ބުން މަސްޢޫދު ވިދާޅުވިއޭ: ” ކޮންމެ ރެޔަކު تَبَارَكَ الَّذِيْ بِيَدِهِ الْمُلْكُ (މިސޫރަތް) ކިޔަވާ މީހާ، ﷲ އޭގެން އެމީހާ ކައްވަޅުގެ ޢަޒާބުން މަނަޢު ކުރައްވާނެއެވެ. ރަސޫލު ﷲ ﷺ ޒަމާނުގައި އަހަރެމެން އެ ސޫރަތަށް ކިޔާ އުޅުނީ ” އަލްމާނިއާ ” (މަނާކުރާ) އެވެ. އެއީ ފޮތުގައިވާ ސޫރަތެކެވެ. ކޮންމެ ރެޔަކު އެ ސޫރަތް ކިޔަވައިފި މީހަކު ވަރަށް ގިނަ (ހެޔޮކަންތައް) ކޮށްފިއެވެ. އަދި އޭނާ ގަދައަޅައިފިއެވެ.” — މިރިވާޔަތް އިހު ބަޔާންވެވުނު ސުފްޔާންގެ މަގުން އަލްޙާކިމް ގެންނެވި ރިވާޔަތަށް ވުރެ ބަލިކަށްޓެވެ. (ބައްލަވާ)
ނިމުނީ
ކޮންމެ ރެޔަކު ތަބާރަ ސޫރަތް ކިޔެވުމުގެ މާތްކަމާއި މަތިވެރިކަން (1 ވަނަބައި)
