ދީން

ޢުޛުރެއްނެތި ފިރިހެނުން ޖަމާޢަތުގެ ނަމާދަށް މިސްކިތަށް ނުގޮސް ގޭގައި ނަމާދުކޮށް ހެދުމުގެ ނުރައްކާތެރިކަން

ސުރުޚީގައި ދެންނެވިފައި އެވާ މައްސަލައަކީ މިވަގުތު އަޅުގަނޑުމެން އެކަމަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެކެވެ. ނުވަތަ ގިނަ ފަރާތްތަކަކުން އިހުމާލުވަމުންދާކަމެކެވެ. ޚާއްޞަކޮށް ނަމާދުކޮށް އުޅޭ ޒުވާނުންނާއި ބޮޑަތި މީހުންވެސް މެއެވެ. އުޅޭނެ ތާކު އުޅެފަ، ކުރާނެހާ ކަމެއްކޮށްފަ، މިސްކިތަށް ޖަމާޢަތަށް ނުގޮސް، ކޮންމެވެސް ޢުޛުރެއް އެކަމުގެ މައްޗަށް ދައްކާ ގޭގައި ނަމާދުކޮށް ހަދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ދެންފަހެ، ދައްކާ ޢުޛުރުތަކަކީ ކޮބައިތޯއެވެ. ޖަމާޢަތުގެ ނަމާދު ކުރެވޭ ހިނދު، ބަޔަކާއެއްކޮށް ކޮފީއެއްގައި އިނުން ނުވަތަ ކެއުމެއްގައި އިނުން ޢުޛުރަކަށްވޭތޯއެވެ. ނުވަތަ ޖަމާޢަތުގެ ނަމާދު ކުރެވޭ ހިނދު، އަބަދުވެސް ކޮންމެވެސް ކަމެއްގައި ޝާމިލުވެ އުޅުން ޢުޛުރަކަށްވޭތޯއެވެ. އާއެކެވެ. މީހަކަށް ފަހަރުގައި މިސްކިތުގެ ޖަމާޢަތަށް ނުދެވޭ ފަދަ ޙާލަތެއް ދިމާވެދާނެއެވެ. އެހެނަސް އެއީ ޢާންމުކަމަށް ނުވާނެއެވެ. އެކަމުގެ ވާޖިބުކަން އެނގިދަސްވެފައިވާނަމަ ކޮންމެވެސް ގޮތެއް ހޯދައިގެންވެސް މިސްކިތުގެ ޖަމާޢަތަށް ޙާޟިރުވާން ގަދައަޅާ މަސައްކަތް ކުރާނެއެވެ.

އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ ކަމަކީ، މިހާރަކަށް އައިސް ގިނަ މައިންބަފައިންވެސް އެމީހުންގެ ބޮޑަތިވަމުން އަންނަ ފިރިހެން ކުދިން މިސްކިތުގެ ޖަމާޢަތަށް ނުފޮނުވާ ގޭގައި ނަމާދުކުރުމަށް ބާރު އަޅަމުންދާ ދިއުމެވެ. މިކަންތައް އެންމެ ބޮޑުވެފައި އޮންނަނީ ބޮޑަތި ރަށްރަށުގައެވެ. ޚާއްޞަކޮށް މާލޭގައެވެ. ނަމާދު ވަގުތު ޖެހޭއިރަށް، ދަރިފުޅާ ވުޟޫކޮށްލައިގެން ނަމާދުކޮށްލާ، މިފަދައިން ބުނެލަނީއެވެ. މިސްކިތަށް ޖަމާޢަތުގެ ނަމާދަށް ދާކަށް ބާރެއް ނާޅައެވެ. އަދި މިސްކިތަށް ގެންދާކަށް މަސައްކަތެއްވެސް ނުކުރެވެނީއެވެ. މިހެން ވުމުގެ ސަބަބުން ބޮޑަތި ވަމުން އަންނަ ފިރިހެން ކުދިން މިސްކިތުގެ ޖަމާޢަތާއި ވަރަށްވެސް ދުރެވެ. ކަންބޮޑުވާ ވަރަށް ދުރެވެ.

ގުޅުންހުރި ލިޔުންތައް

ހިތާމައަކީ މިކަމުގައިވެސް ގިނަ މައިންބަފައިން ޢުޛުރު ދައްކަން މަސައްކަތް ކުރެވޭތަން އަންނަ ކަމުންނެވެ. ތިމަންނައަށް ދަރިފުޅު އެކަނި މިސްކިތަށް ފޮނުވަން ނުކެރެނީއެވެ. ނުވަތަ ތިމަންނައަށް އޭނާ ގޮވައިގެން ދާނެ ވަގުތެއް ނުވަނީއެވެ. ނުވަތަ އޭނާގެ ބައްޕަ ބިޒީވެ އޭނާ ބަލައި ނާދެވެނީއެވެ. މިފަދަ ވާހަކަތަކަކީ ޢުޛުރުކަމަށް ތިމާ ދެކުނަސް އެއީ ޢުޛުރެއް ނޫނެވެ. ޢުޛުރު ނޫންކަން މި ލިޔުން އެއްކޮށް ކިޔާލުމުން ތިބާއަށް ހާމަވެ އެނގިގެންދާނެއެވެ.

އަޚުންނޭވެ! ބާލިޣުވެފައިވާ ކޮންމެ މުސްލިމް ފިރިހެނެއްގެ މައްޗަށް ވާޖިބުވެގެންވަނީ ޖަމާޢަތުގެ ނަމާދަށް މިސްކިތަށް ޙާޟިރުވުމެވެ. ރުކޫޢުކުރާ މީހުންނާއިއެކު ރުކޫޢު ކުރުމަށެވެ. ސަޖިދަކުރާ މީހުންނާއިއެކު ސަޖިދަ ކުރުމަށެވެ. މިސްކިތުގެ ޖަމާޢަތަށް ފިރިހެނުން ޙާޟިރުވުމަކީ ވާޖިބެއްކަން ޤުރްއާނުންނާއި ސުންނަތުން ދަލީލު ލިބިގެންދެއެވެ.

ޤުރްއާނުގެ ދަލީލުތައް:

ބަޤަރާ ސޫރަތުގެ 43 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ

މާނައީ” އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ركوع ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ!

މި އާޔަތުން ބަޔާންވެގެންވަނީ، ނަމާދު ޤާއިމްކުރުން ވަނީ ރުކޫޢު ކުރާ މީހުންނާ އެކުގަ އެވެ. އެބަހީ، ޖަމާޢަތުގައި ނަމާދު ޤާއިމްކުރުން ހުއްޓެވެ. ފަހެ، ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ތިމާ އެކަނި ކުރާނަމަ އެހިނދު ނަމާދު ޤާއިމްކުރެވިފައި ވަނީ ރުކޫޢު ކުރާ މީހުންނާ އެކުގައި ނޫން ކަމުގައިވެ، ނަމާދު ޤާއިމްކުރުމަށް އަމުރުފުޅު ކުރެވިފައިވާ ސިފަ އެމީހެއްގެ ޙައްޤުގައި އެވަނީ ފާއިތުވެފަ އެވެ.

އަދިވެސް ނިސާ ސޫރަތުގެ 102 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

 وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِّنْهُم مَّعَكَ

މާނައީ” އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު قائم ކުރައްވައިފިނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް قائم ވާހުށިކަމެވެ!”

އިސްވެ ދެންނެވުނު އާޔަތަކީ ހަނގުރާމައިގެ ވަޤުތުގައިވެސް ނަމާދު ކުރަންވީގޮތުގެ ޞިފަ ބަޔާންކުރެއްވުމަށް ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އާޔަތެކެވެ. މިއީ، ބިރުވެރިކަމާއި ނުރައްކަލުގެ އަދި ދަތި ޙާލު މެދުވެރިވެފައިވާ ދަނޑިވަޅުކަމުގައިވާ ހަނގުރާމައިގެ ދަނޑިވަޅުގައި ނަމާދު ޤާއިމްކުރުމަށް އޮތް އަމުރުފުޅު ކަމުގައިވުމުން، އަމާންކަމާއި ބިރުވެރިކަމެއް ނެތް ޙާލުގައި ނަމާދު ޖަމާޢަތުގައި ޤާއިމްކުރުމަށް ކޮންފަދަ ބޮޑަށް އަމުރުވެގެންވާނެ ހެއްޔެވެ؟ ފަހެ، އެހިނދު އެ އަމުރުފުޅުގެ ގަދަކަން ކޮންފަދައަކުން އޮންނާނެ ހެއްޔެވެ؟ ވާޖިބުވުން ބޮޑު ނުވާނެ ހެއްޔެވެ؟

މީގެ އިތުރުން ސޫރަތުލް ޤަލަމުގެ 43 ވަނަ އާޔަތުންވެސް ފިރިހެނުން މިސްކިތުގެ ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބުވެގެންވާކަމެއްކަމަށް ދަލީލު ލިބިގެންދެއެވެ. އެ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ

މާނައީ” (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެއުރެން ސަލާމަތުން ތިބިއިރު، سجدة ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ.”

كَعْبُ الأَحْبَار ވިދާޅުވެފައިވެ އެވެ. ”ﷲޤަންދީ ބުނަމެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުން ދޫކޮށްލާ މީހުންގެ މައްޗަށް މެނުވީ މި އާޔަތް ބާވައި ނުލައްވަ އެވެ.“ الدر المنثور ٢٥٦/٨

މަތީގައި މި ބަޔާން ކުރެވުނީ ފިރިހެނުން މިސްކިތަށް ޙާޟިރުވެ މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ވާޖިބުކަމާއިމެދު ޤުރްއާނުގައި އައިސްފައިވާ ދަލީލުތަކެވެ.

އާދެ! މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުންވެސް އަޅުގަނޑުމެންނަށް އެކަމުގެ މައްޗަށްވާ ވާޖިބުކަން އެނގި ހާމަވެގެންދެއެވެ. ދެން މި ލިޔުމުގައި މި ބަޔާންކުރަނީ އެކަމުގެ މައްޗަށްވާ (ފިރިހެނުން މިސްކިތަށް ޖަމާޢަތުގެ ނަމާދަށް) ދިއުމުގެ ވާޖިބުކަން ހާމަވެގެންދާ ޙަދީޘް ބަސްފުޅުތަކެވެ.

ސުންނަތުގައި ބަޔާންވެގެންވާ ދަލީލުތައް:

أبي هُرَيرَةَ ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވެ ތިބޭ މީހުންނާއިމެދު رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރައްވާފައި ވެއެވެ.

‏ “‏ وَالَّذِي نَفْسِي بِيَدِهِ لَقَدْ هَمَمْتُ أَنْ آمُرَ بِحَطَبٍ فَيُحْطَبَ، ثُمَّ آمُرَ بِالصَّلاَةِ فَيُؤَذَّنَ لَهَا، ثُمَّ آمُرَ رَجُلاً فَيَؤُمَّ النَّاسَ، ثُمَّ أُخَالِفَ إِلَى رِجَالٍ فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ، وَالَّذِي نَفْسِي بِيَدِهِ لَوْ يَعْلَمُ أَحَدُهُمْ أَنَّهُ يَجِدُ عَرْقًا سَمِينًا أَوْ مِرْمَاتَيْنِ حَسَنَتَيْنِ لَشَهِدَ الْعِشَاءَ ‏”‏‏ (ޞަޙީޙުލް ބުޚާރީ 644)

މާނައީ” އެފަރާތެއްގެ އަތްޕުޅުގައި ތިމަންނަބިއްޔާގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވައި ވިދާޅުވިއެވެ. ދަރު އެއްކުރުމަށް އަމުރުކުރައްވައި އޭގެފަހުގައި ނަމާދަށް ބަންގިގޮވުމަށް އަމުރުކުރައްވައި އޭގެފަހުގައި މީސްތަކުންނާއިގެން އިމާމުވެ ނަމާދުކުރުމަށް މީހަކަށް އަމުރުކުރެއްވުމަށްފަހު ނަމާދަށް ޙާޟިރުނުވެ ގޭގައި ތިބޭ މީހުން ގާތަށް ވަޑައިގެން އެބައިމީހުންނާ އެކު އެބައިމީހުންގެ ގެތަކުގައި ރޯކޮށްލެއްވުމަށް ތިމަންނަބިއްޔާގެ ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ. ތިމަންނަބިއްޔާގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. އެބައިމީހުންނަށް ޢިޝާނަމާދަށް އައުމުން މަސްކައިފައި އޭގައި ކޮންމެވެސް ވަރަކަށް މަސްކޮޅު ހުރި ފަލަ ކަށިގަނޑެއް ނުވަތަ ދެ މޭކަށީގެ ދެމެދުގައި ރަނަގަޅުވަރަކަށް މަސްހުންނަ ދެ އެތިކޮޅު ލިބޭނެކަން އެނގޭނަމަވެސް ޢިޝާނަމާދަށް ޙާޟިރުވާނެއެވެ.” (ޞަޙީޙުލް ބުޚާރީ 644)

އަޚާ އެވެ! އެމީހުންގެ ގެތަކާއެކު އެމީހުން އަންދައި ރޯކޮށްލުމަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ބޭނުންފުޅުވީހިނދު، އެމީހުންނަކީ ގޭގައި ނަމާދު ކުރާ މީހުން ކަމުގައި ނުވާނެ ހެއްޔެވެ؟ އެ ފިރިހެނުން ގޭގައި ނަމާދު ކުރެ އެވެ. އެހެނަސް ގެތައް އަލިފާނުން ރޯކޮށްލަން ބޭނުންފުޅުވީ އޭގެ ފާފައިގެ ކޮންފަދަ ބޮޑުކަމުން ހެއްޔެވެ؟

ވުމުން، ނަމާދު ޖަމާޢަތުގައި ކުރުން ދޫކޮށްލުން ހުއްދަވާނެ ހެއްޔެވެ؟

ދެންފަހެ، ލޯފަން ބޭކަލަކު، އެބޭކަލަކު މިސްކިތަށް ގެންގޮސްދޭނެ މީހަކު ތިމަންނާއަށް ލިބިފައެއް ނުވެއޭ ދަންނަވާ ގޭގައި ނަމާދު ކުރުމުގެ ޢިޛުނައަށް އެދިވަޑައިގަތުމުން ކަންހިނގާދިޔަގޮތް ބަޔާންވެގެންވާ ޙަދީޘް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ އައިސްފައިވެއެވެ.

أَتَى النَّبِيَّ صلى الله عليه وسلم رَجُلٌ أَعْمَى فَقَالَ يَا رَسُولَ اللَّهِ إِنَّهُ لَيْسَ لِي قَائِدٌ يَقُودُنِي إِلَى الْمَسْجِدِ ‏.‏ فَسَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَنْ يُرَخِّصَ لَهُ فَيُصَلِّيَ فِي بَيْتِهِ فَرَخَّصَ لَهُ فَلَمَّا وَلَّى دَعَاهُ فَقَالَ ‏”‏ هَلْ تَسْمَعُ النِّدَاءَ بِالصَّلاَةِ ‏”‏ ‏.‏ فَقَالَ نَعَمْ ‏.‏ قَالَ ‏”‏ فَأَجِبْ ‏”‏ ‏.‏ (ޞަޙީޙް މުސްލިމް 653)

މާނައީ” رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިއަހަށް ލޯފަން ބޭކަލަކު ވަޑައިގެން ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ނަމާދުގެ ޖަމާޢަތަށް މިސްކިތަށް ގެންގޮސްދޭނެ މީހަކު ތިމަންނައަށް ލިބިފައެއް ނުވެއެވެ. އެހެންވީމާ ތިމަން ގޭގައި ނަމާދުކުރުމުގެ ހުއްދަ ދެއްވާށެވެ. އެބޭކަލަކަށް ހުއްދަ ދެއްވުމުން އެބޭކަލަކު އެނބުރި ވަޑައިގަތުމުން ޙަދީޘު ކުރެއްވިއެވެ. ނަމާދަށް ބަންގި ގޮވާއަޑު ތިބާއަށް އިވި ވަޑައިގަނޭތޯއެވެ؟ އެބޭކަލަކު ދެންނެވިއެވެ. އާދޭހެވެ. ޙަދީޘުކުރެއްވިއެވެ. އެހެން ވެއްޖެނަމަ ނަމާދުގެ ޖަމާޢަތަށް އިޖާބަ ދޭށެވެ.” (ޞަޙީޙް މުސްލިމް 653)

އަޚުންނޭ! މިއީ ލޯފަން މީހާއަށްވެސް ދެވުނު ޖަވާބެވެ. ދެންފަހެ، ތިބާއަށް ތިވަނީ ކޮން ޢުޛުރެއްތޯއެވެ. ރައްޓެހިންނާއިއެކު ނަމާދު ވަގުތު ކޮފީގައި އިނުން ހެއްޔެވެ. ނޫނީ ގޭގައި ކަމެއްގައި ބިޒީވެގެން އުޅުން ހެއްޔެވެ.

ابن أم مكتوم އަރިއަހުން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. ”أَنَّهُ قَالَ: يَا رَسُولَ اللهِ إِنَّ الْمَدِينَةَ كَثِيرَةُ الْهَوَامِّ وَالسِّبَاعِ قَالَ: ((هَلْ تَسْمَعُ حَيَّ عَلَى الصَّلَاةِ حَيَّ عَلَى الْفَلَاحِ؟)) قَالَ: نَعَمْ. قَالَ: ((فَحَيَّ هَلًا)) وَلَمْ يُرَخِّصْ لَهُ“ (ސުނަނު އަބީ ދާވޫދު 553)

މާނައީ” [ابن أم مكتوم ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ހަމަ ކަށަވަރުން މަދީނާއަކީ ފާޑުފާޑުގެ ވިހަލާ ސޫފިތަކާއި ޝިކާރަކޮށްގެން ކައިއުޅޭ ނުރައްކާތެރި ޖަނަވާރުތައް ގިނަ ތަނެކެވެ. ޙަދީޘު ކުރެއްވިއެވެ. ތިބާއަށް حَيَّ عَلَى الصَّلَاةِ حَيَّ عَلَى الْفَلَاحِ ގެ އަޑު އިވިލައްވާތޯއެވެ؟] ابن أم مكتوم ދެންނެވި އެވެ. އާދޭހެވެ. ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. އެހިނދު، ނަމާދަށް އަވަސްވެ ގަންނާށެވެ.] (ސުނަނު އަބީ ދާވޫދު 553)

ޞަޙާބީ عبد الله بن مسعود -رضي الله عنه- އަރިއަހުން ރިވާވެފައިވާ ރިވާޔަތެއްގައި ވެއެވެ.

”مَنْ سَرَّهُ أَنْ يَلْقَى اللَّهَ غَدًا مُسْلِمًا فَلْيُحَافِظْ عَلَى هَؤُلَاءِ الصَّلَوَاتِ حَيْثُ يُنَادَى بِهِنَّ فَإِنَّ اللَّهَ شَرَعَ لِنَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُنَنَ الْهُدَى وَإِنَّهُنَّ مِنْ سُنَنِ الْهُدَى وَلَوْ أَنَّكُمْ صَلَّيْتُمْ فِي بُيُوتِكُمْ كَمَا يُصَلِّي هَذَا الْمُتَخَلِّفُ فِي بَيْتِهِ لَتَرَكْتُمْ سُنَّةَ نَبِيِّكُمْ وَلَوْ تَرَكْتُمْ سُنَّةَ نَبِيِّكُمْ لَضَلَلْتُمْ وَمَا مِنْ رَجُلٍ يَتَطَهَّرُ فَيُحْسِنُ الطُّهُورَ ثُمَّ يَعْمِدُ إِلَى مَسْجِدٍ مِنْ هَذِهِ الْمَسَاجِدِ إِلَّا كَتَبَ اللَّهُ لَهُ بِكُلِّ خَطْوَةٍ يَخْطُوهَا حَسَنَةً وَيَرْفَعُهُ بِهَا دَرَجَةً وَيَحُطُّ عَنْهُ بِهَا سَيِّئَةً وَلَقَدْ رَأَيْتُنَا وَمَا يَتَخَلَّفُ عَنْهَا إِلَّا مُنَافِقٌ مَعْلُومُ النِّفَاقِ وَلَقَدْ كَانَ الرَّجُلُ يُؤْتَى بِهِ يُهَادَى بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِي الصَّفِّ ” (ޞަޙީޙް މުސްލިމް 654)

މާނައީ” މާދަމާ މުސްލިމެއްގެ ގޮތުގައިވާ ޙާލު الله އާއި ބައްދަލު ކުރުމަށް އެދޭ މީހާ ފަހެ ފަރުޟު ނަމާދުތަކަށް ގޮވޭ ތަންތާގައި އެނަމާދުތައް ކުރުމަށް ރައްކާތެރިވާށެވެ. އެބަހީ މިސްކިތްތަކަށް ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާށެވެ. ހަމަ ކަށަވަރުން الله ވަނީ ތިޔަބައިމީހުންގެ ނަބިއްޔާއަށް ހިދާޔަތާއި ރަނގަޅުގޮތުގެ މަގުތައް ޝަރުޢު ކުރައްވާފައެވެ. އަދި ނަމާދުތައް ހިމެނިގެންވަނީ ހިދާޔަތާއި އޭގައި ރަނގަޅުގޮތް އެކުލެވިގެންވާ މަގުތަކުގެތެރޭގައެވެ. ތިޔަބައިމީހުން ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވެ ގޭގައި ނަމާދުކުރާ މީހެއްފަދައިން ގޭގައި ނަމާދު ކުރާނަމަ ތިޔަބައިމީހުން ތިޔަބައިމީޔުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިއެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިނަމަ ތިޔަބައިމީހުން މަގުފުރެދިގެން ހިގައިދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިންމީހަކު ގޭގައި ރަނގަޅަށް ވުޟޫކޮށްގެން މި މިސްކިތްތަކުގެ ތެރެއިން މިސްކިތަކަށް ދިއުމަށް ނިޔަތް ގަނެގެން ނިކުމެ އަޅާ ކޮންމެ ފިޔަވަޅަކަށް އެމީހަކަށް ހެޔޮކަމެއް ލިއުއްވައި އަދި އޭނާގެ ދަރަޖައެއް އުފުއްލަވައި އަދި އޭނާގެ ފާފަތަކުގެ ތެރެއިން ފާފައެއް ފުއްސަވާނެވެ. ހަމަ ކަށަވަރުން ތިމަން ބޭކަލުން ދެކެވަޑައިގަތީމެވެ. ނަމާދުގެ ޖަމާޢަތަށް ނުގޮސް ފަސްޖެހިފައި އެމީހެއްގެ ނިފާޤުކަން ބަޔާންވެގެންވާ މުނާފިޤެއް ނޫނީ ނުހުރެއެވެ. ހަމަ ކަށަވަރުން ދެމީހަކު ދެފަރާތުގައި ތިބެގެން އަތުލަފިކޮށްގެން ގެނެސް ޞަފުގައި މީހަކު ބަހައްޓައެވެ.” (ޞަޙީޙް މުސްލިމް 654)

އަޚާ އެވެ! މުސްލިމް ފިރިހެނާ އެވެ! ހަށިގަނޑުގައި ވަރުހުރެ، ޞިއްޙަތު ސަލާމަތްވެގެންވާ ޙާލުގައިވެ، ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވާ މީހާއާ މެދުގައި ބުނާނީ ކީކޭ ހެއްޔެވެ؟ ”ތިމަންނަ ގޭގައި ނަމާދު ކުރަމޭ“ ހެއްޔެވެ؟

މާތް ނަބިއްޔާގެ އަރިހުން ދަރިވަރުވި، ހިދާޔަތާއި ހެޔޮ މަގުގައި ދެމިތިއްބެވި ބޭކަލުންކަމުގައިވާ އަޞްޙާބު ބޭކަލުން ނަމާދު ޖަމާޢަތުގައި ކުރުމާއި މެދުގައި ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ތެރޭގައި علي بن أبي طالب ވިދާޅުވެފައިވެ އެވެ. ”މިސްކިތުގެ އަވަށްޓެރިޔާއަށް މިސްކިތް ނޫން ތަނެއްގައި ނަމާދުކުރުމެއް ނުވެ އެވެ.“

އެހިނދު ދެންނެވުނެވެ. މިސްކިތުގެ އަވަށްޓެރިޔާ އަކީ ކާކު ތޯ އެވެ؟

ވިދާޅުވި އެވެ. ”ބަންގީގެ އަޑުއިވޭ މީހާ އެވެ.“ صحيح ابن أبي شيبة ٣٤٨٨

މިއަދު މި އަޑު، ބަންގީގެ އަޑު މާލޭގައި ނުވަތަ ރަށްރަށުގައި ނީވޭ ޙާލުގައިވާ އެކަކުވެސް ނުވެ އެވެ.

ޖަމާޢަތް ދޫކޮށްލުމަށް ޢުޛުރުވެރި ޙާލަތެއް ދިމާވެފައިނުވެ ނަމާދު ޖަމާޢަތުގައި ދޫކޮށްލާ މީހާއަކީ ފާފަވެރިވެ، ދީނުގައި އެންމެ ހުތުރުކަންބޮޑު ސިފައިން ސިފަވެގެންވާ ފަރާތެއް ކަމުގައި ދަންނަ އެވެ.

ރިފަރެންސް:

ޝައިޚް އަބޫ އަނަސް މުޙައްމަދު ޙަސަންގެ ލިޔުމަކުން ބޮޑުބައެއް ނަކަލް ކުރެވިފައި

ޙަދީޘްތައް ނެގިފައިވަނީ ސުންނަތް ޑޮޓް ކޮމުން

ޤުރްއާނުގެ އާޔަތްތައް ނެގިފައިވަނީ ތަންޒީލް ޑޮޓް ނެޓުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close