ކޮވިޑްގެ އަދަދުތައް ދަނީ މައްޗަށް، މިއަދު އެކަނިވެސް 2،800 އަށް ވުރެ ގިނަމީހުން ޕޮޒިޓިވް
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ދަނީ ރާއްޖޭގައި މަތިވަމުންނެވެ. މިއަދު އެކަނިވެސް ކޯވިޑަށް 2،800 އަށްވުރެ ގިނަމީހުން ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 2813 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 1،273 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 974 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 114 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 125،590 އަށް އަރާފައެވެ.
އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މިވަގުތު 16،673 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 57 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
މިދިޔަ 24 ގަޑިއިރު 2،805 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 108،632 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 7،343 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 272 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވާއިރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.


mivaraah positive vee kithah sample nagaigenbaa. Sample negun ithuruvaa varakah positive vaa adhadhu ves ithuruvaane. Mee bodu vegenvaa jareemaaeh. 2023 ga ingeyne dhaulaiy hilaali varu.