ޚަބަރު

އައްޑޫ ސިޓީގެ 24 ގެއެއްގެ ފުރާޅު އެއްލާލައިގެން ރިޕޯޓްކޮށްފި

މިހާރު ދެކުނަށް މުސުން ގޯސްވެ ރޭ ކުރިވިއްސާރައިގައި ވައި ގަދަވުމުގެ ސަބަބުން އައްޑޫސިޓީގެ ބައެއް ރަށްރަށަށް ގެއްލުންވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު، ރޭދަންވަރު ވައި ގަދަވުމުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން 24ގެއެއްގެ ފުރާޅު އެއްލާލައިގެން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އައްޑޫ ހުޅުމީދޫގެ 6 ގެއެއްގެ ފުރާޅު އެއްލާލާފައިވާކަމަށެވެ. މީގެއިތުރުން ފުވައްމުލައް ސިޓީގެ 13 ގެއެއްގެ ފުރާޅު އެއްލާލާފައިވާއިރު، ގދ.އަތޮޅުގެ ބައެއް ގެތަކުގެ ފުރާޅުވެސްވަނީ އެއްލާލާފައެވެ.

ޑިޒާސްޓާއިން ވިދާޅުވީ މިޙާދިސާތަކުގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައި ނުވާކަމަށެވެ. ފުރާޅު އެއްލާލި ގެތަކުގެ ފުރާޅުތައް އަލުން މަރާމާތުކުރުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލާއި ފުލުހުންނާއި ސިފައިން ގުޅިގެންދަނީ ކުރަމުންނެވެ. މީގެއިތުރުން ވައިގަދަވެ ރުއްގަސް ވެއްޓުމުގެ ސަބަބުންވެސް ބައެއް ތަންތަނަށް ގެއްލުންވެފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ.

ވައިގަދަވެ ވިއްސާރަވާނެތީ ރޭ ދަންވަރު ދެކުނުގެ އަތޮޅުތަކަށްވަނީ ޔެލޯ އެލަރޓްވެސް ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މިއަދުވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށެވެ. އަދި ވައިގަދާވާ ވަގުތުތަކުގައި 30 މޭލަށް ވައިގަދަވާނެކަމަށާ، ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށްވެސް ވިއްސާރަ ވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި އެހެން ސަރަޙައްދުތަކަށް ވައި ގަދަވާ ވަގުތުތަކުގައި 18 މޭލަށް ވައިގަދަވާނެކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ވައިގަދަވެ މޫސުން ގޯވުމުން ހިނގާފާނެ ހާދިސާތަކުން ރައްކާތެރި ވުމުގެ ފިޔަވަޅު އެޅުމަށް މެޓާއި އެންޑީއެމްއޭއިން އިލްތިމާސްކުރައްވައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close