24 މޭ 2022
އަންގާރަ
މިއަދު

މަސްތުގައި ތިބޭ ޒުވާނުންގެ އުނދަގޫ މިސްކިތްތަކަށް

  • މިސްކިތުގައި ހުންނަ ތަކެތި ގެންގޮސްފާނެތީ އުޅެންޖެހޭ
  • އެކުދިން ނިދަނީ މިސްކިތުގައި
  • ފަތިސް ނަމާދަށް އެކުދިން ޙާޟިރުވާނެ
  • މިސްކިތުގައި ހުންނަ ތަކެތި ގެންގޮސްފާނެތީ އުޅެންޖެހޭ
  • އެކުދިން ނިދަނީ މިސްކިތުގައި
  • ފަތިސް ނަމާދަށް އެކުދިން ޙާޟިރުވާނެ

މާލެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އުނދަގޫ ފޯރަމުންދަނީ މިސްކިތްތަކަށެވެ. މިއީކީ އަލަށް ދެކެވޭ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް، މިކަމަށް އަދިވެސް ޙައްލެއް ލިބުމެއް ނުވާ ތާންގަ މިކަމާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅެއް އެޅުނު ތަނެއްވެސް ފެނިގެން ގޮސްފައިނުވާކަމީ ފެންނަމުންދާ ޙަޤީޤަތެކެވެ.

މިއަދުގެ މި ރިޕޯރޓުގައި މިގެނެސްދެނީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ އުނދަގޫ ޖެހެމުންދާ އެއް މިސްކިތުގެ ވާހަކައެވެ. މާލެގެ ޢީދު މިސްކިތު ވާހަކައެވެ.

އާއެކެވެ. ކޮންމެ ދުވަހެއްގެވެސް ފަތިސް ނަމާދަށް އެއިގެ ތެރެއިން ޢާއްމުކޮށް އަންނަ ދެ ޒުވާނަކު ވެއެވެ. ފަތިސް ނަމާދަށް ބަންގި ގޮވާއިރު ގިނަފަހަރަށް މިސްކިތުގެ ތެރޭގައި އެކުދިން ޙަރަކާތްތެރިވަމުންދާނެއެވެ. ބަންގި ގޮވާ ނިމުމުން ބައެއް ރޭރޭ ފަތިސް ނަމާދުގެ އިހު ސުންނަތްވެސް ކުރާނެއެވެ. އަނެއްބައި ރޭރޭ ނިދި ޖެހިފައިވެސް އިންނާނެއެވެ.

ކޮންމެއަކަސް އިމާމު މީހާ ޤަމަތްދޭ ފެށުމުން ތެދުވާނެއެވެ. ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް ނިންމުމަށްފަހު މިސްކިތުގައި މަޑު ކުރާނެއެވެ. މިސްކިތުގައި ތިބި އެހެން މީހުން މިސްކިތުން ފައިބައި ނިމުމުން ރަނގަޅަށް ހަމަޖެހިލެވޭނެ ތަނަކަށް މިސްކިތުގެ ތެރެއިންގޮސް ދެން އެދުވަހެއްގެ ނިދި ހަމަކުރެއެވެ.

ދާދި މިދާކަށް ދުވަހަކުވެސް ހިނގިކަމެއްގެ ވާހަކަ ނާރެސް އަށް ހިއްސާކުރަމުން ނާރެސްގެ ކިޔުންތެރިޔަކު ބުނީ ” އެއީ މެންދުރު ނަމާދުގެ ވަގުތުކަމަށެވެ. އިމާމު މީހާ ގަމަތް ދޭން ފެށުމުން، ޢީދު މިސްކިތުގެ އެތެރެ ފުރިފައި އޮތުމުން މިސްކިތުގެ ބޭރުގައި ހެދެމުންދިޔަ އެންމެ ކުރީ ސަފަށް އެރީކަމަށެވެ. އަދި މިސްކިތުގެ ކުރިމަތިން އޮންނަ ހުސްޖާގައަށް ބަލާލިއިރު، އެތާ ބަހައްޓާފައި ހުރި ލަކުނޑި ފޮށިގަނޑެއްގެ ބިއްދޮށުން އެއްޗެއް ޙަރަކާތް ކުރާތަން ފެންނާތީވެ، ސަމާލުވެ ބަލަން ހުރީ ކަމަށާއި ރަނގަޅަށް ބަލާލިއިރު، ޒުވާނަކު ކުނަލެއް އަޅައިގެން ހަމަޖެހިލައިގެން ނިދަން އޮތީ ކަމަށެވެ. އަދި ގަމަތްދޭ އަޑަށް އޭނާއަށް އެވަގުތު ހޭލެވުނީކަމަށާއި ދެންވެސް ތެދުވާކަށްނޫޅެ، އަނެއްކާވެސް ފޮށިގަނޑުގެ ބިއްދޮށަށް ރަނގަޅަށްވަދެ، ނިދުމައިގެން ކުރިޔަށް ދިޔައީ ކަމަށެވެ.”

އަދި މިހިސާބުން ނިމުނީކީވެސް ނޫނެވެ. ދެން ފެންނަން ފެށީ އަދި މުޅިން އެހެން މަންޒަރެކެވެ. ހިތްފަޅައިގެންދާ ފަދަ އަސަރު ކުރުވަނިވި މަންޒަރެކެވެ.

ނާރެސްގެ ކިޔުންތެރިޔަކު ނާރެސްއާ އެވާހަކަތައް އިތުރަށް ހިއްސާކުރަމުން ބުނީ ” ދެން ފެންނަންފެށި މަންޒަރަކީ ކޮންމެ ރެޔަކު ފަތިސް ނަމާދަށްފަހު، މިސްކިތުގެ މަސައްކަތު މީހާ މިސްކިތުގެ އެތެރޭގައި ހުންނަ ބޮކިތައް ނަގައިގެން ކޮތަޅަކަށް އަޅައިގެން ގުދަނަށް ގެންގޮސް ރައްކާ ކުރާތަން ކަމަށެވެ. އަދި މިސްކިތުގައި ނަމާދު ވަޤުތު ބެލުމަށް ބަހައްޓާފައި ހުންނަ ގަޑިވެސް ހަމަ އެވަގުތު ނަގައިގެން ގެންދާކަމަށާއި އެހެން އެ ހަދަނީ މަސްތުވެ ވެގެން މިސްކިތަށް އަރަމުންދާ ޒުވާނުންގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ނަމާދުތަކަށްފަހުވެސް ބޮކިތައް ނަގާ ރައްކާ ނުކުރާކަމެއް ނޭންގެ، ހަމަގައިމުވެސް ފަތިސް ނަމާދަށްފަހު އެކަން ކުރާތަން އަޅުގަނޑު ދުށިން” ކިޔުން ތެރިޔާ ނާރެސްއަށް ކިޔައިދިނެވެ.

” އަސްލު އެކުދިން އެ އަންނަނީ ފަތިސް ނަމާދަށް ކޮންމެހެން ނަމާދު ކުރާކަށް ނޫން. އެގަޑީގައި މިސްކިތުގައި ނިދާލުމުގެ ބޭނުމުގައި. މަންޒަރުތައް ފެންނަނީ އެގޮތަށް. ރަނގަޅަށް ކޮޅަށްވެސް ނުހުރެވެ. ހިނގާފައި ދާއިރުވެސް އެކި ދިމަދިމައަށް މީހާ ހޫރިގެންދޭ.” ކިޔުންތެރިޔާ ނާރެސްއަށް ކިޔައިދިނެވެ.

އާއެކެވެ. މާލެގެ ގިނަ މިސްކިތްތަކުގެ ޙާލަތަކީ މިޔެވެ. މާލޭގެ މިސްކިތްތަކުގައި ބެހެއްޓިފައި ހުންނަ ފަންކާ ތަކުގައިވެސް ހުންނަނީ “ހިލިހިލާ” ޖެހިފައެވެ. ބޮޑު ތަޅު އެޅުވިފައެވެ. ފެން މޯޓަރު އިންނަނީވެސް ކުޑަ ވަރެއްގެ “ޖަލަކަށް” ލެވި ތަޅުލެވިފައެވެ.