ރިޕޯޓް

ޕެލިކަންބޯޓް އުރުނު ޙާދިސާ – މަނަދޫ ރައްޔިތުންނަކީ ނަމޫނާ ބައެއް

ނ.މާޅެންދޫ މެލޭނިއަމް ޔޫސުފް އާދަމް ( ޔޫސޭ )ގެ ޕެލިކަން ބޯޓް( މާޅެންދޫބޯޓް ) ނ.މަނަދޫ ކަނޑިންމަ މައްޗަށް އުރުނު ހާދިސާއަކީ އެހާ ފަސޭހައިން ހަނދާން ނައްތާލެވޭވަރަށްވުރެ ގިނަބަޔަކަށް މާލީގޮތުންނާއި، ނަފްސާނީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ނުރައްކާތެރި ހާދިސާއެކެވެ.

މިދިޔަހަފްތާގެ ހޮނިހިރު ދުވަހު ( 1 ޑިސެމްބަރު 2018) ހަވީރު 4:30 ހާއިރު މާލެއިން ފުރައިންގެ ގާތްގަޑަކަށް 150ފަސިންޖަރުންނާއެކު  ނ.އަތޮޅަށް އައުމަށްޓަކައި މާލޭ ނޯތްހާބަރުން ނައްޓާލިޕެލިކަންބޯޓަށް އެދަތުރު މުދާއަރުވާ ބަރާކުރީ މޫސުމަށް ބެލުމެއްނެތިއެއް ނޫނެވެ.އާދައިގެމަތިން އެހެންދަތުރުތަކުގައިވެސް މުދާއަރުވާ އުޞޫލުން ގާތްގަޑަކަށް ހަމައެމިންގަޑަށެވެ.

ޕެލިކަން ބޯޓްގެ އެންމެފަހު މަންޒިލްގައި އޮތީ އެފަދަ ނުރައްކާތެރި ޙާދިސާއެއް ކަމެއް އެއްވެސް މީހަކަށް ޚިޔާލުވެސް ކޮށްނުލެވުނު ތާންގައި, ދެމޫސުން ބެދޭ މިދުވަސްކޮޅު އަތުވެދާނެ މޫސުމީ ބަދަލުތަކަށްވެސް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެހެންއެވީ ފަހަރެއްގައި މާލެއިން ބޯޓް ނައްޓާލިގަޑިއަކީ އެހާ މޫސުން ގޯސް ގަޑިއަކަށް ނުވާތީކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް ނ.އަތޮޅުގައި މިވަގުތު ދުއްވާ އެންމެބޮޑު ބޯޓް ކަމުގައިވާ މާޅެންދޫ “ޕެލިކަންބޯޓް” ގަދަކަނޑު ތަކުގެ ބިޔަރާޅުތަކުގެ ތެރޭން ލޮނުގަނޑު ކަފަމުން ރޭގަނޑުގެ ކަޅުއަނދިރީގައި ހަލުވިކަމާއެކު ދުއްވާފައި އައިސް ނ.މަނަދޫ ކަނޑިންމައާއި ހަމަވީ ގާތްގަޑަކަށް އެރޭ ފަތިހު 4:00 ހާއިރުއެވެ.

ބޯޓްގެ ކައްޕި އަދި އޯނަރު ޔޫސުފު ޙަސަން އެވަގުތު ބޯޓް ދުއްވަންހުރީ ހަމައާދައިގެ މަތިންނެވެ. ކޮންމެ ކަނޑިންމައަކަށް ބޯޓް ވަންނައިރުވެސް އަދި ނުކުނުންނަ އިރުވެސް ބޯޓްދުއްވަން އެހެންމީހަކު ހުންނާނީ ވަރަށް މަދު ފަހަރެއްގައެވެ.

މަނަދޫ ހުޅަނގުފަރާތުން އައިސް މަޑުމަޑުން ކަނޑިންމަ އެތިގަނޑާ އަރާހަމަވިއިރު އެހިސާބުގައި ވަރަށްބޮޑެތި ރާޅާއި، ބާނިއުފެދިފައި ހުރިކަމަށްވެއެވެ. އަދި އެހިސާބުގައި އެވަގުތު ދެމެމުންދަނީ ވަރަށް ގަދަ އޮއިވަރެކެވެ. އެވަގުތު ބޯޓްގެ ވީލްހައުސްތެރޭގައި ތިބި ހަރުކުލައިގެ ދެތިންހަތަރު މީހަކާ ބޯޓްގެ ކައްޕިއާއި، ޚިޔާލުބަދަލުކުރީ މަނަދޫ ފަޅަށް ވަންނާނީތޯ ނުވަތަ ނުވަދެ އެހެން ދިމާއަކަށް ދާނީތޯއެވެ.

އެ މަޝްވަރާގައި މާގިނައިރު ތިބެވޭގޮތެއް ނުވިއެވެ. މަނަދޫ ކަނޑިންމަ ފައިކަށީގައި ހުރި ބޮޑު ގަލަކަށް ބޯޓް ކުއްލިއަކަށް ޖެހިއަޑާއެކު ހީވީ މުޅިބޯޓްވެސް ދެފަޅި ހަމައަށް ވަކިވެ ދެފަޅި ދެތަނަށް ހިނގައިދާނެހެންނެވެ. ބޯޓް އެ ޖެހިގަލެއްގައި ޖެހިލެއް ބާރުކަމުން ބަނޑުފިލާގަނޑުން އިންޖީނުރޫމާއި ދިމާއިން ބޮޑުތަންގަނޑެއް ފޫވެއްޓިއްޖެކަން ކަށަވަރުވީ ބޯޓުގެ އިންޖީނު ހުއްޓި ބޯޓު އޮޔާގޮސް ކަނޑިންމަ މައްޗަށް ހަމަ ރަގަޅަށްވެސް އުރުމުންނެވެ.

އެހީސާބުން ބޯޓްތެރެ ވަރަށް ބޮޑަށް ނާމާންވެ ބިރުވެރި ކާރިސާ އަކަށް ބަދަލުވީއެވެ. ކުޑަކުދިންނާއި، އަންހެނުންގެ ރޯއަޑާއެކު ބޮޑެތި ފިރިހެންވެރިންގެ ހަޅޭކުގެ އަޑު އެކުއެކީގައި ގަދަވަމުން ދިޔައެވެ. ސަލާމަތަށް އެދި އެންމެން އެންމެނަށް އާދޭސް ކުރަނީއެވެ. ރޮއި ހޭރެނީއެވެ.  

އެހީތެރިކަމުގެ ފުރަތަމަ އަތެއްވެސް މަނަދޫން

ބޯޓްގެ ކައްޕިއާއި، ފަޅުވެރިންނާއި އަދި ފަސިންޖަރުންގެ ތެރެއިންވެސް ހަމަހޭހުރި މީހަކުވިއްޔާ  އެމީހެއްގެ މޮބައިލް ފޯނުން އެކިތަންތަނާ ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ކޯސްޓްގާޑާއި، ފުލުހުންނާއި، އަދިވެސް ސަލާމަތްވުމަށް އެހީތެރިކަމެއް ދެވިދާނެހެން ހީވާ ފަރާތަކަށްވިއްޔާ އެބޯޓުން އެރޭ އެވަގުތު ގުޅަމުންދިޔައެވެ.

ހާދިސާގެ މައުލޫމާތު މަނަދޫ ކައުންސިލްގެ ރައީސް، މުހައްމަދު އުމަރަށް ލިބިލެއްވީ ފަތިހު 4:05 ހާއިރުއެވެ. އޭރުވެސް މަނަދޫގެ ޒުވާނުންވަނީ ބޯޓަށް އެހީތެރިވާން ފަށާފައެވެ. ހަމަ އެވަގުތުން ފެށިގެން ކައުންސިލްގެ މަސައްކަތް ފެއްޓެވިއެވެ. ކައުންސިލް މެމްބަރު އަހްމަދު ރިޝާދު އަށް ގުޅައިގެން އެދެބޭފުޅުން މަނަދޫ ބަނދަރަށް ނުކުންނެވިއެވެ.

ޕެލިކަން ބޯޓުން ނ.މަނަދޫ މީހުންގެ އިތުރުން ނ.އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ މީހުންވެސް މިދަތުރުގައި ބައިވެރިވިއެވެ. އެންމެންވެސް ސަލާމަތުން ﷲގެ އިރާދަފުޅާއެކު މަނަދޫ ޒުވާނުންނާއި  ކައުންސިލް އިސްވެއޮވެ ކުރި މަސައްކަތުން މަނަދޫ ފަސްގަނޑަށް އިރުއެރުމުގެ ކުރިން އެރުވުނެވެ. މިއީ ވަރަށްބޮޑު ކާމިޔާބެއްކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި އެކަން ހެޔޮހިތުން ބަލައިވެސް ގަނެއެވެ. އެކަމުގައި އިސްނެގީ މަނަދޫ ރައްޔިތުން ނޫން އެހެންބައެއް ނޫނެވެ.

ފަސިންޖަރުންނަށް އެކޮމަޑޭޝަން ހަމަޖައްސައިދިނުން

ބޯޓުން ދަތުރުކުރި މަނަދޫ މީހުން ފިޔަވައި އެހެން ރަށްރަށު މީހުންނަށް ފާޚާނާކޮށް ތިބެވޭނެ އިންތިޒާމް މަނަދޫ ރަތްވިލާގޭގައި ހަމަޖައްސައިދިނީ ހަމަ އިންސާނިއްޔަތަށްޓަކައި ހެޔޮހިތުންނެވެ. އަދި ހަމައެހެންމެ ރަތްވިލާގޭގައި އެ އެންމެނަށް ތިބެން ދަތިވުމުގެ ސަބަބުން އެތާ އެގޭ ކައިރީގައި ހުރި ޢިމާރާތް ކަމުގައިވާ މަނަދޫ އެކުވެރި ކްލަބްގެ އިދާރާ ގައިވެސް އިތުރުމީހުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނެވެ. އަދި ނ.އަތޮޅުގޭގެ ކޮޓަރިތައްވެސް ބޭނުންކުރެވޭގޮތް ހަމައެވަގުތު ހައްދަވައިދެއްވިއެވެ. އަދިވެސް އޭގެ އިތުރުން ވަކިވަކި ފަރުދުންގެ ގޭގޭގައިވެސް ބައެއް މީހުންނަށް އެ އިންތިޒާމްތައް ހަމަޖައްސައިދިނެވެ. ދިވެހިންނަކީ އެފަދަ ކާރިޘާތައް މެދުވެރިވާ ހިނދު ވަރަށް އެކުވެރި އެއްބައެއްވަންތަކަން ދައްކުވައިދޭ ބައެއްކަން ހާމަވަނީ މިފަދަ މިސާލުތަކުންނެވެ.

ކާބޯތަކެތި ފޯރުކޮށްދިނުން

އެވަގުތަކީ ފަތިސްނަމާދަށް ވަރަށް ކައިރިވެފައިވާ ވަގުތެއްކަމުން ފަތިސް ނަމާދަށް ހޭލާމީހަކު ފިޔަވައި އެހެން ގިނަބަޔަކު ހޭލާ ވަގުތަކަށް ނުވާތީ މީހުންގެ އެހީތެރިކަމާއި މަދަދު ހޯދުން އެގަޑީގައި ވަރަށް އުނދަގޫވިއެވެ. އެހެންނަމަވެސް މަނަދޫ ކައުންސިލްގެ ހީވާގިކަމާއި އޯގާތެރިކަމަކީ މިފަދަކަންކަމުގައި މިސާލެކެވެ. އެވަގުތު އެއްވެސް ފިހާރައެއް ހުޅުވާފައި ނެތުމާއި އަދި މީހަކަށްގޮވާ ހޭލައްވައިގެން ފިހާރައެއް ހުޅުވުން ލަސްވެދާނެކަމަށްޓަކައި މަނަދޫ ކައުންސިލްގައި ހުރި، މަނަދޫ ފުޓްބޯޅަ ޓީމުގެ ފެންކޭސްތައް ގެންގޮސްދީ އެ އެންމެންނަށް ބޯފެން ލިބޭނެ ގޮތް ހަމަޖައަސައިދިނެވެ.

އޭގެ ފަހުން ބިސްކޯދާއި ކޮފީ ގެނައީ ވަރަށް ހެނދުނާ މަނަދު ފްލެމެންސޮ ފިހާރަ ހުޅުވައިގެން، މަނަދޫ ކައުންސިލް ރައީސްގެ ނަމުގައި ޖަހާފައެވެ. އެގޮތަށް އެކަން ކުރަންޖެހުނީ އެވަގުތު ކައުންސިލް އިދާރާގެ ރަސްމީ ގަޑި ނުފެށޭތީ، އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މަނަދޫ ކައުންސިލްގެ ރައީސް، ނާރެސް މީޑިޔާއަށް މައުލޫމާތު ދެއްވިއެވެ. އަދި ނ.އަތޮޅުގޭގެ ކާކޮޓަރީގައި ހެނދުނުގެ ނާސްތާ އެ ހުރިހާ ފަސިންޖަރުންނަށް ތައްޔާރުކޮށްދެވުނެވެ.

ޕެލިކަންބޯޓަށް އެހީވުމަށް ރައްޔިތުންނަށް ގޮވުން

ނ.އަތޮޅު މަނަދޫ ރައްޔިތުންނަކީ މިފަދަ ކަންކަމުގައި ދެވަނައެއް ނެތް ލާމަސީލް ނަމޫނާ ބައެއްކަން ހާމަވެގެންދިޔަ ދެވަނަކަމަކީ އެހާ ހެނދުނުގެ ވަގުތުގައިވެސް މަނަދޫ ކައުންސިލް އިދާރާއިންނާއި، އަދި މަނަދޫ އެމްޑީޕީ ހަރުގޭގައި ހުންނަ އަޑުގަދަކުރާއިން، ޕެލިކަން ބޯޓަށް އެހީވުމަށް ބަނދަރަށް ނުކުތުމަށް ރައްޔިތުންނަށް ގޮވާލުމުން މާ ލަސްތަކެއްނުވެ  ބަނދަރަށް މީހުން އެއްވަމުންދިޔުމެވެ.

އިސާހިތަކު ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މަނަދޫ އަމިއްލަ މީހުންގެ އޮޑިދޯނިފަހަރާއި، ޑިންގީތަކުގައްޔާއި، ކުދި އެހެނިހެން އުޅަނދު ފަހަރުގައި ފުރައިގެން ބީހިފައި އޮތް ބޯޓަށް ޑައިވަރުންނާ ކައްޕިން ގޮސް ބޯޓުން މީހުންބޭލުމާ، މުދާ ސަލާމަތްކުރުމާ، ބޯޓު ފުންކުރުމުގައި އެންމެ ފަހު ވަގުތާހަމަޔަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ. އޭރުވެސް ބައެއް މީހުން އެމީހުންގެ ލަގެޖާއި، މުދާކޮޅު ހަލާކުވަމުންދާތީ ބޯޓުގައި ނުފައިބާން ތިބިކަމަށްވެއެވެ.

މުދާތައް ސަލާމަތްކުރުން

ޕެލިކަންބޯޓުން މިދަތުރުވެސް ވަރަށްގިނަ މީހުންގެ މުދާގެނައެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންގެ މުދަލާއި، ބައެއް ކުންފުނިތަކާއި، ފިހާރަތަކުގެ އަގުބޮޑެތި މުދާތައް ހިމެނެއެވެ. އެއީ ދަނގަޑާއި، ސިމެންތިއާއި، ޓިނާއި، ލަކުޑިއާއި، ގޭސްފަދަ މުދަލެވެ. އޭގެ އިތުރުންވެސް ކާނާގެ ބާވަތްތަކާއި، ފަރުނީޗަރާއި، އަދިވެސް ދިރިއުޅުމުގެ އެކިއެކި ހާލަތްތަކަށް ބޭނުންވާ ބައިވަރު މުދާ ބޯޓުންގެނައެވެ. ޖުމުލަކޮށް ދަންނަވަނީނަމަ ބޯޓްގެ މުޅިމުދަލުގެ 80% މުދަލަކީ މަނަދޫ މީހުންގެ ނުވަތަ މަނަދޫ ފިހާރަތަކަށް ގެނެވުނު މުދަލެވެ.

 މަނަދޫ ވިޔަފާރިތަކަށް ގެނައި މުދާ

  • ކޮމްބަސް މިނީ ފިހާރަޔަށް 12000 ރުފިޔާގެ މުދާ
  • ހިދުމަތް ފިހާރަޔަށް 100،000 އަށްވުރެ ގިނަ ރުފިޔާގެ މުދާ
  • އަމިއްލަ ބަޔަކު ގެނައި ގާއަޅާ މެޝިނަކާއި، އޭގެ ޓޫލްސްތައް ( އަދިވެސް ނުފެނެ )
  • އާރތް ފިހާރަ އަށް 100 ކޮތަޅު ސިމެންތި އާއި، 150،000 ރުފިޔާގެ މުދާ.
  • “ކޮން ލައިން” ކޮމްޕެނީގެ ފަރާތުން ގެނައި 25 ހައުސިންގ ޔުނިޓަށް ކޭބަލް ޓީވީއާއި، އިންޓަރނެޓް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ސާމާނު.

މީގެ އިތުރުން މަނަދުއަށް ދިރއުޅުން ބަދަލުކުރި އާއިލާއަކުން ގެނައި، ގޭގައި ބޭނުންކުރާ ހުރިހާ ސާމާނު (ބެޑްރޫމް ސެޓް، އައިސް އަލަމާރި، ދޮންނަމެޝިން، އުނދުން، އަވަން، އިސްތިރި، ތެލި ތަށި، ހުރިހާ އަންނައުނު) އަދި ސައިކަލެއް ހިމެނެއެވެ.

ޖުމުލަ 9 ސައިކަލާއި، 25 ބައިސްކަލުވެސް ވަނީ މިދަތުރު އެކިއެކި ފަރާތްތަކުން ގެނެސްފައެވެ. މިހުރިހާ ތަކެއްޗަކަށްވެސް ވަނީ ބޮޑެތި ގެއްލުންލިބި ގިނަތަކެތި ބޭނުން ނުކުރެވޭ ވަރުވެފައެވެ.

ހޮވައިގެން ގެނެވުނު މުދާ

ބޯޓުން މުދާ ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނީ ހަމައެކަނި މަނަދޫ ރައްޔިތުން އެކަންޏެއް ނޫނެވެ. ކައިރި ރަށްރަށުގެ ( މާފަރު ، ލަންދޫ ، މާޅެންދޫ ) މީހުންވެސް އެހީތެރިވެދޭން އުޅުނެވެ. އެހެންނަމެވެސް އެސަރަޙައްދުގައި އުފެދިފައިވާ ބޮޑެތިރާޅުތަކާއި، ޖެހެމުންދިޔަ ބާރުވައިގެ ސަބަބުން ބައެއް މުދާތައްވަނީ ސަލާމަތް ނުކުރެވި މަނަދުއަށް ލައްގާފައެވެ. އޭގެތެރޭގައި ހިމެނޭ ގިނަމުދާތަކެއް މަނަދޫ ފެންޕްލާންޓް ސަރަހައްދުން ހޮވައިގެން ގެނެވުނެވެ. އެސަރަޙައްދުން އެކަނިވެސް 3 ޕިކަޕްގެ މުދާ ހޮވައިގެން (މަނަދޫ ކައުންސިލަރުންގެ ހާޒިރުގަ) ގެނެވުނެވެ. އަދި އެތަކެތި އެތަކެތީގެ ވެރިންނަށް ޙަވާލުކުރެވުނެވެ.

މެންދުރުކެއުން ހަމަޖައްސައިދިނުން

ބޯޓް ފުންކުރުމުގެ މަސައްކަތުގައި އުޅުނު މީހުންނަށާއި، ބޯޓުން އައި ފަސިންޖަރުންގެ ތެރެއިން ރަށްރަށަށް ނުދެވިތިބި އެހެނިހެން ރަށްރަށުގެ މީހުންނަށް އެދުވަހުގެ މެންދުރުގެ ކެއުން ހަމަޖައްސައިދިނީ ނ.އަތޮޅު ކައުންސިލާއި ނ.މަނަދޫ ކައުންސިލްގުޅިގެންނެވެ. މިއީ ހަމަ ހިލޭސާބަހަށް ތައްޔާރުކޮށްދިން ކެއުމެކެވެ.

އަތޮޅު ކައުންސިލާއި، މަނަދޫ ކައުންސިލުން ހެނދުނުގެ ސަޔާއި، މެންދުރުގެ ކެއުން ހަމަޖައްސައިދިން ކަމުގައިވީނަމަވެސް އެދުވަހު ހަވީރު ނ.މާޅެންދޫން -/8000ރ. ( އަށްހާސްރުފިޔާ ) އެމަސައްކަތުގައި އުޅޭ މީހުންނަށް ޚަރަދުކުރުމަށް ފޮނުވިކަމަށްވެއެވެ. އެހިސާބުން ފެށިގެން، އެފައިސާ ޚަރަދުކުރަން ފެށިއެވެ. އެފައިސާއިން އެދުވަހުގެ ހަވީރު ސަޔާއި، އަނެއް ދުވަހުގެ ކެއުންވެސް ހަމަޖެއްސިކަމަށް، ނާރެސް މީޑިޔާއަށްވަނީ މައުލޫމާތު ލިބިފައެވެ.

ބޯޓް ފުންކުރުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް ކާންދިނުން

ބޯޓް ފުންކުރުމުގެ މަސައްކަތްކުރާ މީހުންނަށް ކެއްކުމުގެ މަސައްކަތް މަނަދޫ ޝަބްނަމުގެއިން ހަވާލުވީ ބަޔަކު ބުނި ބުނުމަކާ ލައިގެންނެއްނޫނެވެ. އެއީވެސް ހަމަ އިންސާނިއްޔަތަށްޓަކައި ހެޔޮހިތުން ކޮށްދިންކަމެކެވެ. ބޯޓުފުންކުރުމުގެ މަސައްކަތުގައި އުޅުނުމީހުންނަށް ކައްކާފައި ކާންދިނީ މަނަދޫ ޝަބުނަމުން ގެއިންނެވެ. އަދި އެގޭގެ މީހުންނަށް އަވަށްޓެރިގޭގެއިން އެހީތެރިވެ ދިނެވެ.  

މިމަސައްކަތަށް މީހުން ނެރުމަށް ވައިބަރ ގްރޫޕްތަކުގައި ގޮވާލުން

ބޯޓްފުންކުރުމުގެ މަސައްކަތް ބޯޓް އުރުނު ހިސާބުން ފެށިގެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވުނެވެ. އިސްކޮށް ހަރަކާތްތެރިވީ މަނަދޫ ރައްޔިތުންނެވެ. ޚާއްޞަކޮށް މަނަދޫ އޮޑިވެރިންނާއި، ކައްޕިންނާއި، ޑައިވަރުން ހިމެނޭ ގޮތުންނެވެ. މަނަދުއަކީ ވަރަށް ގިނަބަޔަކު ވައިބަރ އާއި ފޭސްބުކް ފަދަ ނެޓްވޯކްތައް ބޭނުންކުރާ ބަޔަކު ދިރިއުޅޭ ރައްޔިތަކަށްވާތީ ވައިބަރގުރޫޕްތަކުގައި މިކަމަށް ގޮވާލެވުނެވެ. ވަރަށް އަވަހަށް މުޅިއެންމެނަށް އެ ޚަބަރު ފެތުރުނެވެ.

 އަދި އޭގެ އިތުރުން ބޯޓް ފުންކުރުމަށް ވަލަށްދެމުމަށް ނުކުތުމަށް ދޭތެރެ ދޭތެރެއިން މަނަދޫ މަގުތަކުގައި މެގަފޯނުން ގޮވަމުން ގެންދިޔައެވެ. މީގެ އިތުރުންވެސް އަތޮޅުގެ އެކި ރަށްރަށުގެ މީހުން، ބޯޓުން ދަތުރުކުރި އެރަށްރަށުގެ މީހުންނަށް އެހީތެރިވުމަށާއި ބޯޓް ސަލާމަތްކުރުމަށް މަސައްކަތްކޮށްދިނުމަށް މަނަދުއަށް އަންނަމުންދިޔައެވެ. އަދި ބޯޓުންގެނައި މުދާ ހޯދުމުގެ މަސައްކަތް އެހުރިހާ ފަރާތްތަކުން ކޮށްދެމުން ގެންދިޔައީ އިޚްލާޞްތެރިކަމާއެކުގައެވެ.

މި ޙާދިސާގެ ސިފަކުރުންތައް ސޯޝަލްމީޑިއާގައި

މިފަދަ ކޮންމެ ކަމެއްގެވެސް ދެކޮޅު އޮންނާނެތާއެވެ. މިދެންނެވީ ޕޮޒިޓިވް މައިންޑަކުން ވިސްނުމާއި، އޭގެ އިދިކޮޅެވެ. ޕޮޒިޓިވްކޮށް ވިސްނިމީހުން މިވާހަކަ ސޯޝަލް މީޑިއާގައި ޚާއްޞަކޮށް ފޭސްބުކްގައި ސިފަކޮށްފައިވަނީ ވަރަށް ނުރައްކާތެރި ބިރުވެރި ހާދިސާއެއްގެ ގޮތުގައެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ ސަލާމަތްވީތީ ﷲ ތަޢާލާއަށް ޝުކުރުކޮށް މިމަސައްކަތްތަކުގައި ފެށުނީއްސުރެ ނިމެންދެން އުޅުނު މީހުންނަށާއި، ކުޑަނަމަވެސް އެހީތެރިކަމެއް ވެދެއްވި ފަރާތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކޮށްފައިވެއެވެ.

އަނެއްބަޔަކު ބުނަމުން ދިޔައީ މިއީ ފަރުވާކުޑަކަމުން ބައެއްގެ އިހުމާލުން ލިބުނު ގެއްލުމެއް ކަމަށެވެ. އަދި މިޙާދިސާ ދިމާވުމާއި ގުޅިގެން ގިނަބަޔަކު ޚާއްޞަކޮށް މަނަދޫމީހުން އުޅުނީ ބޯޓުން ވައްކަން ކުރަންކަމުގައެވެ.

ބޯޓުން މުދާތައް އޮޔާދިޔައިރު ވަރަށްގިނަ މުދާ ވަނީ މަނަދޫ ގޮނޑުދޮށް ލައްގާފައެވެ. އަދި މަނަދޫ ގޮނޑުދޮށަށް ލައްނުވެ އެހެން ދިމާއަކަށްވެސް ބައެއް މުދަލާއި، ދަބަސްފަދަ ތަކެތި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެއްވެސް ތާކަށް ނުލައްގާ އަދިވެސް ކަނޑުގައި ބައެއް ތަކެތި ހުރުމަކީވެސް އެކަށީގެންވާކަމެކެވެ.

ބޯޓްގެ ވެރިފަރާތުން ދެކޭގޮތް

ކޮންމެއަކަސް މަނަދޫމީހުން ނޫން އެހެން ރަށްރަށުގެ މީހުންވެސް މިކަމުގައި އެހީތެރިވެދިނުމަށް ގޮސް އުޅުނުއިރު އެރަށްރަށުގެމީހުންގެ ފަރާތުންވެސް ވަރަށް ގިނައެހީތެރިކަމެއް ވާނީ ލިބިފައެވެ. އެހެންކަމުން ބޯޓްގެ ވެރިފަރާތުން މިކަމާގުޅޭ މަޢުލޫމާތު “ނާރެސްމީޑިއާ” އަށް ދިނުމަށްޓަކައި ދިން އިންޓވިއުގައި ފުރަތަމަވެސް ފާހަގަކުރީ އެހީތެރިވެ ދިން ރަށްރަށުގެ ރައްޔިތުންގެ ވާހަކައެވެ. އެމީހުންގެ ރަގަޅުވާހަކައެވެ.

މަނަދޫ ރައްޔިތުންނާއިމެދު ބޯޓުގެ ވެރިފަރާތުން ބުނީ އެއީލާމަސީލް ނަމޫނާ ރައްޔިތެއްކަމުގައެވެ. ބޯޓު އުރުނު ވަގުތުން ފެށިގެން އަދިވެސްމަނަދޫ މީހުންގެ ފަރާތުން އެހީތެރިކަމާއި، އެއްބާރުލުން މިކަމުގައި ހަމަހިލޭސާބަހަށް ލިބެމުންދާކަމުގައެވެ. އެހެންކަމުން އެފަރާތްތަކަށް ޙައްޤުވާ ޝުކުރުއަދާކުރަން ބޭނުންކަމުގައެވެ.

މަނަދޫ ރައްޔިތުންގެ އިތުރުން މާފަރާއި، ލަންދޫ އަދި މާޅެންދޫ ރައްޔިތުންގެ ފަރާތުން ބޯޓު އެރުމުގެ މި ޙާދިސާގައި އެހީތެރިވުމަށް ދިޔަ ފަރާތްތަކަށް ބޯޓުގެ ވެރިފަރާތުން ޝުކުރުއަދާކުރެއެވެ. ވެރިފަރާތުން ބުނީ އެ ރަށްރަށުގެ ރައްޔިތުންގެ އެހީތެރިކަން މިހާފުޅާދާއިރާއެއްގައި ނުލިބުނު ނަމަ މިހާ އަވަހަށް މިކަމުން އަރައިނުގަނެވުނީސްކަމުގައެވެ.

އަދި މަނަދޫ ޕޮލިސް ސްޓޭޝަނާއި، މަނަދޫ ކައުންސިލާއި، އަތޮޅު ކައުންސިލާއި އަދި ވަކިން ޚާއްޞަކޮށް ސަން ސިޔާމް ( ދިގުރަށު މެނޭޖްމެންޓުން ) ދެއްވި އެހީތެރިކަން ބޯޓުގެ ވެރިފަރާތުން ފާހަގަކުރަނީ ނުހަނު އިޚްލާޞްތެރިކަމާއި، ޝުކުރުވެރިކަމާއެކު އެކަމަށް ދަރަނިވެރިވެފައިވާ ޙާލުގައެވެ.

ބޯޓްގެ ވެރިފަރާތުން ނާރެސް މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ މިހާދިސާ އާއި ގުޅޭގޮތުން ފޭސްބުކްގައި ބައެއް ފަރާތްތަކުން މަނަދޫ ރައްޔިތުންގެ ނަން ހުތުރުވާގޮތަށް ވާހަކަދައްކާފައިއެވަނީ ޙަޤީޤަތާއި ޚިލާފަށް ކަމުގައެވެ. އެއްވެސް މުދަލެއް ވަގަށްވިޔަސް ސިއްރުންވިޔަސް މީހަކު ނުވަތަ ބަޔަކު ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމުގައެވެ. އެހެންކަމުން ޙަޤީޤަތާއިޚިލާފަށް އަދި މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދޭގޮތަށް  ނުވަތަ ބަޔަކު ރުޅިއެރުވުމުގެ ނިޔަތުގައި އެފަދަ ދޮގު ވާހަކަ ނުފެތުރުމަށްވެސް އެފަރާތުން ގޮވާލައްވައެވެ.

ނިންމުން

މިޙާދިސާއަކީ ފަހަކަށް އައިސް ހިނގި މިފަދަ އެންމެ ނުރައްކާތެރި، ހިތާމަވެރި ގެއްލުންބޮޑު ހާދިސާއެވެ. ޕެލިކަންބޯޓަކީ ގާތްގަޑަކަށް 10 މިލިއަން ރުފިޔާގެ އަގުހުރި އަދި އަހަރުވެސް ނުވާ ވަރަށް އާ ބޯޓެކެވެ. މި ހާދިސާގައި މިބޯޓުގެ ފަށަނާއި، ދެކޮޅު ދެ މައްޔަލާއި، އަދި ބަނޑުފިލާގެ ވަރަށްބޮޑު ބައެއް ހަލާކުވެ ނެތި ގޮސްފައިވާތީ އަލުން މަރާމާތު ކޮށްގެންވެސް މިބޯޓް ދުއްވޭނެކަމުގެ އެއްވެސް އުންމީދެއްނެތެވެ. ބޯޓް މިހާރުއޮތީ މަނަދޫ ފަޅުތެރޭގައި އަޑިއަށްގޮސްފައެވެ. ފަޅުތެރެއަށްވެސް ވައްދާފައިއެވަނީ އަޑީގައި ކާއްތަމުން ދަމަމުންނެވެ.

މިކަމުގައި ދެން އޮތް ހަމައެކަނި ގޮތަކީ އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެއްބަޔަކު އަނެއްބަޔަކަށް މާފަށް އެދުމާއި، މާފުދިނުމެވެ. މިފަދަ ނުރައްކާތެރި ކާރިޘާއެއް ހިނގައިދިޔައިރު އެއްވެސް މީހަކަށް ގެއްލުމެއްނުވެ އެންމެހައި ފަސިންޖަރުން ސަލާމަތްވީތީ ﷲ ތަޢާލާއަށް ޝުކުރުކުރުމެވެ. އަދި މިއީ ޢިބްރަތެއްކަމުގައި ދެކި ކުރިމަގުގައި މިފަދަ ކަމެއްދިމާނުވެ ވާނެފަދަ ގޮތަކަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އެންމެހައި ފަރާތްތަކުން އަޅައިގެން ތިބުމެވެ.

މިހާދިސާގައި ގެއްލުންލިބުނު ބޯޓުގެ ވެރިފަރާތަށާއި ،ފަސިންޖަރުންނަށް ނާރެސް މީޑިއާގެ ނަމުގައި ހަމްދަރުދީ ފާޅުކޮށްއިޚްލާސްތެރިކަމާއެކު ތިޔަފަރާތްތަކުގެ ހިތާމައިގައި ބައިވެރިވަމެވެ.ތިޔައެންމެހައި ފަރާތަކަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.


ނޯޓް: މިރިޕޯޓް ތައްޔާރުކުރުމުގައި މަޢުލޫމާތު ޙިއްޞާކުރެއްވި އެންމެހާ ފަރާތްތަކަށް ނާރެސްމީޑިއާގެ ފަރާތުން ޝުކުރުއަދާކުރަމެވެ. މަޢުލޫމާތު ދެއްވީ ނ. މަނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢުމަރު, ބޯޓުގެ ވެރިފަރާތުން މުޙައްމަދު ޙަސަން ބޯޓުން ދަތުރުކުރި ބައެއް ދަތުރުވެރިން.

އެއް ކޮމެންޓް

  1. ތަފްޞީލްކޮށް ދެއްވި ކަމަށްޓަކައި ވަރަށް ބޯޑަށް ޝުކުރިއްޔާ. ކަމުގެ މަޢުލޫމާތު ނެތި އެކިއެކި ވާހަކަ ދެއްކުމުގެ ބަދަލުގައި ކަމުގެ ހަޤީޤަތް ބަލާ، އެއްޗެއް ބުނުން ވަރަށް މުޙިއްމު. ކާރިސާތަކުގައި ވަގުތާއި ޙާލަތާއި ލިބިފައިވާ ތަމްރީނުގެ މަދުކަމާއެކު އެންމެ ފުރިހަމަ އެހީ ފޯރުކޮށް ނުދެވޭކަމީ ދުނިޔެއިން ފެންނަ ހަޤީޤަތް. އެއީ ބަޔަކު ބޮޑާވުމެއް ނޫން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close