ކަނޑިންމަ މައްޗަށް އުރުނު “ޕެލިކަން” ބޯޓް ފަޅުތެރެއަށް ވައްދައިފި
ނ.މާޅެންދޫ ބޯޓް ( ޕެލިކަންބޯޓް ) އިއްޔެ ހަވީރު މާލެއިން ފުރައިގެން ނ.އަތޮޅަށް ކުރިދަތުރުގައި ރޭ ފަތިހު ގާތްގަޑަކަށް 4:00 ހާއިރު ނ.މަނަދޫ ފަޅަށް ވަންނަން އުޅުނު އުޅުމުގެ ތެރޭގައި މަނަދޫ ކަނޑިންމަ މައްޗަށް ބޯޓު އުރި ލިބުނު ބޮޑެތި ގެއްލުންތަކާއެކު ދާދިދެންމެއަކު ބޯޓް މަނަދޫ ފަޅުތެރެއަށް ވައްދައިފިއެވެ.
ބޯޓް ފަޅުތެރެއަށް ވައްދާފައިވަނީ އެކްސްކަވޭޓަރެއްގެ އެހީގައި ވާޖަހައިގެން ދަމަމުންނެވެ. ބޯޓްގެ ހިޔާގަނޑު ފިޔަވައި އެހެން ހުރިހާ ބައެއް ވަނީ ފެނުގެ އަޑީގައެވެ.
ބޯޓުފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ މީހަކު ބުނީ މިހާރުވެސް މަސައްކަތް ހުއްޓައިނުލައި ކުރިއަށްދާކަމަށާއި، މިހާރު އެންމެބޮޑު ސަމާލުކަމެއް ދީގެން މަސައްކަތްކުރަނީ އަޑިއަށްގޮސްފައިވާ ބޯޓްގެ އިންޖީނު “ބެލޫން” ބޭނުންކޮށްގެން ފެންމަތި ކުރުމުގެ މަސައްކަތްކަމަށެވެ.
ބޯޓްގައި ހުރި ސިމެންތިއާއި ހިލައާއި، ދަގަނޑާއި، އަދިވެސް ލަކުޑިފަދަ ބަރުމުދާ މިހާރުވަނީ ބޯޓުން ބާލައި ބޯޓު ހުސްކޮށްފައެވެ. ބޯޓުގެ ބަނޑުފިލާގެ ވަރަށްބޮޑުބައެއް ހަލާކުވެ ފޫވެއްޓިފައި ވުމުގެ ސަބަބުން ބޯޓް ފެނުންމައްޗަށް ނެގޭނެކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް އެތާންގައި ޙަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.
ކޯސްޓްގާޑާއި، ފުލުހުންނާއި، ޢާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު ބޯޓް ފަޅުތެރެއަށް ވެއްދުނުއިރު މިއަދު އިރުއޮއްސިއްޖެއެވެ. އެހެންކަމުން އޭގެ ފަހުން އެސަރަޙައްދު އަނިދިރިވެ ބޯޓްގެ އިންޖީނު މައްޗަށް ނެގުމުގެ މަސައްކަތަށް މިހާރު އުނދަގޫތަކެއް ކުރިމަތިވަމުން އަންނަކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ޕެލިކަން ބޯޓަކީ އަދި އަހަރުވެސް ނުވާ ވަރަށް އާ ބޯޓެކެވެ. ނ.އަތޮޅުގައި ދުއްވާ އެންމެ ބޮޑު އެއްބޯޓެވެ.



މި ބޯޓްގެ ވެރިފަރާތަށް ކެތްތެރިކަން ދެއްވާށި