އެމްބިއުލާންސަށް މަގު ނުދެއްކި ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

ހަނި މަގެއްގައި މުދާ ހުސްކުރަން މަޑުކޮށްގެން އޮވެ، ފަހަތުން އައި އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރަކަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، އެމްބިއުލާންސް ސައިރަން އަޅަމުން ދިޔައިރުވެސް ޕިކަޕުން މުދާ ހުސްކުރަން މަޑުކޮށްގެން އޮތުމުގެ ސަބަބުން އެމްބިއުލާންސްގެ ދަތުރަށް ވަނީ ބުރޫއަރާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ޕިކަޕް ދުއްވި ޑްރައިވަރު 750 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާގެ ރަސްމީ ލައިސަންސް ހިފަހައްޓާފައެވެ. މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަމަލުކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދުއްވާ އުޅަނދުތަކަށް އިސްކަން ނުދިނުމަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކަމެކެވެ.
މި ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ދަނީ އިތުރަށް މައްސަލަ ބަލަމުންނެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ކަން ހިނގާފައިވާ ގޮތް ތަހުގީގު ކުރުމަށްފަހު، އިތުރު ފިޔަވަޅެއް އަޅަންޖެހޭ ފަރާތެއް ވާނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

