ކޮވިޑް-19: ކުޅުދުއްފުށީގައި މިހާރު 185 އެކްޓިވްކޭސް
ކުޅުދުއްފުށި ސިޓީން އިއްޔެ އަލަށް 28 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭހުގެ އަދަދު 185 އަކަށް އަރައިފި އެވެ.
އެ ސިޓީން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި 22 މީހަކާއި ފުލޫ 2 ސާމްޕަލްގެ އިތުރުން 4 ރެންޑަމް ސާމްޕަލްކަމަށް މަޢުލޫމާތު ލިބެއެވެ.
އެ ސިޓީގެ ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވިގޮތުގައި އިއްޔެ 12 މީހަކު ވަނީ ބަލިން ރަނގަޅުވެފަ ކަމަށެވެ.
މިއަދު އަލަށް 28 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް ޖުމްލަ ފުލޫ 41 ސާމްޕަލެއް ޕޮޒިޓިވްވެ، ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 119 މީހުންގެ އިތުރުން 24 ރެންޑަމް ސާމްޕަލް އަދި 1 ޑިޕާޗާރ ސާމްޕަލު ޕޮޒިޓިވްވެފައިވެ އެވެ.
ކުޅުދުއްފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ކުޅުދުއްފުށީގެ އިތުރުން ހދ.ގެ 9 ރަށެއްގައި އަންނަނީ ހަލުވިކަމާއި އެކު ކޮވިޑްގެ ކޭސްތައް ގިނަވަމުންނެވެ.
(ޚަބަރު: ކޭއޯ)


