ޖީ.ސީ.ސީ ޤައުމުތަކުގެ އުމްރާވެރިންނަށް އައު އިންތިޒާމުތަކެއް ހަމަޖައްސައިފި

ޖީ.ސީ.ސީ ޤައުމުތަކުގެ އުމްރާވެރިންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި އައު އިންތިޒާމުތަކެއް ސައޫދީން ހަމަޖައްސައިފިއެވެ.
ޖީ.ސީ.ސީ ނުވަތަ ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނެނީ ސައޫދީ އަރަބިއްޔާ، ކުވެއިތު، ބަޙްރެއިން، އޯމާން، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޤަތަރުއެވެ. މި ގައުމުތަކުގެ ރައްޔިތުންނަށް މި ލުއިފަސޭހަތައް ލިބިގެންދާނެއެވެ.
ސައޫދީ އަރަބިއްޔާގެ ޙައްޖާއި އުމްރާގެ މިނިސްޓްރީން ހުކުރު ދުވަހު އެކްސް މެދުވެރިކޮށް ހާމަކުރި ގޮތުގައި، ޖީ.ސީ.ސީ ޤައުމުތަކުގެ ރައްޔިތުންނަށް ކޮންމެ ވަގުތެއްގައި ވެސް އެއްގަމާއި ވައިގެ މަގުން ސައޫދީ އަރަބިއްޔާއަށް ވަދެ އުމްރާ ކުރެވޭނެއެވެ.
އުމްރާ ހުއްދަ ހޯދުމަށް “ނުސުކް” އެޕް މެދުވެރިކޮށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މަދީނާގެ ރައުޟާ ޝަރީފަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން “ނުސުކް” އެޕް މެދުވެރިކޮށް ކުރިއާލާ ފުރުޞަތު ހޯދުމަކީ މުހިންމު ކަމެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، މައްކާއާއި މަދީނާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަދިވެސް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާނެއެވެ. އަދި ރައްކާތެރި މާހައުލެއްގައި ހިތްގައިމު ދަތުރެއް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.


