ހުމާއި ރޯގާ އިތުރުވަމުންދާތީ އައިޖީއެމްއެޗްގައި “ފްލޫ ކްލިނިކެއް” ހުޅުވައިފި

މި ދުވަސްވަރު ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްޞަ “ފްލޫ ކްލިނިކެއް” އައިޖީއެމްއެޗްގައި މިއަދު ގާއިމްކޮށްފިއެވެ.
މި ކްލިނިކްގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއެވެ.
ފްލޫ ކްލިނިކަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ވަޑައިގަންނަވަން ޖެހެނީ ހޮސްޕިޓަލުގެ އީއާރް ޓްރައިޖަށެވެ. ކިއުބީ ޓޯކެން ސިސްޓަމް މެދުވެރިކޮށް ނަންބަރު ނެންގެވުމުން، ބަލިމީހާގެ ހާލަތަށް ބަލައި ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައިޖުން އިރުޝާދު ދެއްވާނެއެވެ. މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މި ދުވަސްވަރަކީ އުމްރާގެ އަޅުކަން ނިންމުމަށްފަހު ގިނަ ބަޔަކު ރާއްޖެ އެނބުރި އަންނަ ދުވަސްވަރަކަށްވެފައި، އެފަރާތްތަކުގެ މެދުގައި ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސިއްހީ މާހިރުން ވަނީ ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.


