ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން މާލެދިއުމަށް ނައްޓާލި ވަގުތު މޯލްޑިވިއަންގެ ފްލައިޓެއްގައި ރޯވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހަވާލުވެ ހުންނެވި މުހައްމަދު ޝާކިރު އޮންލައިންނޫސް “ވަގުތު”އަށް ވިދާޅުވީ، ރޯވެފައި ވަނީ ބޯޓުގެ ކޮކްޕިޓް ތެރޭގައި ކަމަށެވެ.
“ކޮކްޕިޓް ތެރޭގައި ރޯވެފައި ހުރެގެން ޕައިލެޓުންނަށް ފެނިގެން ވަގުތުން މީހުން ބޭލުވީ”. ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވިގޮތުގައި، މި ހާދިސާގައި އެއްވެސް ފަސެންޖަރަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް ބޯޓަށް ގެއްލުންތަކެއްވެފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޯޓުގެ ވިންޑް ސްކްރީންގައި ރެނދުލާފައިވާ ކަމަށް ޝާކިރު ވިދާޅުވިއެވެ.
އެ ބޯޓުގައި އިން ފަސެންޖަރަކާ ހަވާލަދީ “ވަގުތު” ނޫހުން ރިޕޯޓްކޮށްފައިވަނީ އެ ބޯޓުގައި ރޯވި ހަނިމާދޫން ފުރަން ނައްޓާލި ވަގުތު ކަމަށެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ދިވެހިންނާއި ފަތުރުވެރިންވެސް ތިބި ކަމަށް އޭނާ ބުންޏެވެ.
މިހާދިސާ ހިނގަންދިމާވި ސަބަބު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރުދަނީ ކުރަމުންނެވެ.