ކޮވިޑް ފެތުރޭތީ އަތޮޅުތަކަށް ދަތުރުކުރުމުގެ އުސޫލު އެޗްޕީއޭއިން ހަރުކަށިކޮށްފި
ކުރިއަށް އޮތް ތިން ހަފްތާއަކީ ކޮވިޑްގެ އިތުރު ރާޅެއް އަތުވެދާނެ ދުވަސްތަކަކަށްބަލައި، ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓު ހެދުމާއި، ވެކްސިން ނުޖަހާ މީހުން ކަރަންޓީން ވާންޖެހޭ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އާއްމުކޮށްފިއެވެ.
ކޯވިޑް ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ފިޔަވަޅުތަކެއް އަޅާފައި މިވަނީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ޓެސްޓުކުރާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވާ ނިސްބަތް މިވަގުތު ހުރީ %5 އިން މަތީގައެވެ. މިކަމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް 10 ޖެނުއަރީން ފެށިގެން އިތުރު ފިތަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ،
އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް:
- ވެކްސިންގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ މީހުން، ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުން.
- ވެކްސިންގެ ޑޮޒް ފުރިހަމަ ނުވާ ނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީން ފުރިހަމަކުރުން. ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށްފު ޕީސީއާރް ޓެސްޓް ހަދާ، ނަތީޖާ ނެގެޓިވް ވުމުން. މީގެތެރޭގައި މިފަދަ މީހުންނާއެކު ދަތުރުކުރާ، ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނިހިމެނޭ.
- މާލޭ ސަރަޙައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ މީހުން “ކޮވިޑް ސޭފް” ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދެއްކުމަށް ފަހުގައި ދަތުރުކުރުން. އަދި ކަރަންޓީންވުމަށް ދަތުރުކުރާ ފަރާތްތަކުން “ހާލުބެލުން ޕޯޓަލް” އިން ހުއްދަ ހޯދައިގެން ދަތުރުކުރުން.
މީގެ ކުރިން ޢަމަލު ކުރަމުން އައި އުސޫލަކީ ވަކި އިންސައްތައަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކަށް، އިތުރު ހުއްދައާއި އަދި ޕީސީއާރް ޓެސްޓު ހެދުމާއި ނުލާ ދަތުރުކުރެވޭ އުސޫލެވެ.
ނަމަވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ އަތޮޅުތަކުން ކޯވިޑް ކޭސް ފެންނަ މިންވަރު އިތުރުވަމުންދާތީއެވެ. ވޭތުވެދިޔަ 4 ވަރަކަށް މަސްދުވަހު، ގިނަ ކޭސްތަކެއް ރިޕޯޓްކުރަމުން ދިޔައީ އަތޮޅުތަކުގެ ރަށްތަކުންނެވެ. އަދި 7 ރަށެއް މިވަގުތު މޮނިޓަރިންގައި އެބައޮތެވެ.
