ޚަބަރު

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަކީ މިސަރުކާރުގެ އަމާޒެއް – ރައީސް

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަކީ މިސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިހާރު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް ގުޅާލުމަކީވެސް ރާއްޖޭގެ ތަރައްޤީގެ ޕްލޭނެއް ކަމަށެވެ.

ރޭ މަނަދޫ ސްކޫލްގައި ކުރިޔަށްގެންދެވި މި ބައްދަލުކުރެއްވުމުގައި މަނަދޫ ރައްޔިތުން ވަނީ، ތަރައްޤީއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން މަނަދޫ ރައްޔިތުން ވަނީ އިއާދަކުރަނިވި ހަކަތައާއި، މަގު ހެދުމާއި، ނަރުދަމާގެ މައްސަލަ ޙައްލުކުރުމާއި، ބޯހިޔާވަހިކަމުގެ އިތުރުން އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ލޯކަލް މާރުކޭޓެއް އެޅުމާއި، މަނަދޫގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަނަދޫގެ ތަރައްޤީއަށް އަލިއަޅުއްވާލައްވައި އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގައި ހުރި ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ޙައްލުކުރުމަށް މާލޭގައި އެކަނި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަކީ ޙައްލެއް ނޫންކަމަށާއި، މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް ރަށްރަށުގައި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެއިތުރުންވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ، ތަރައްޤީއަށް ނުހަނު ބޭނުންތެރި ނިޒާމެއް ކަމަށާއި ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ ޓީމުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް މި ކުރައްވާ ދަތުރުފުޅަކީ، މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close