ހަރުކަށި ފިކުރުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވަން: ޝިދާތާ
ހައްދު ފަހަނައަޅާފައިވާ މީހުން ހިންގާ އެއްވެސް ހަރުކަށި ފިކުރުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
އައިސިސްގެ ދިދަ ހިފައިގެން ރާއްޖޭގައި މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރޭގައި ޝިދާތާ ހުންނަވާކަމަށް ބުނެ މީސް މީޑިއާގައި ފޮޓޯއެއް ދަނީ ދައުރުވަމުންނެވެ.
ނަމަވެސް އެކަން ދޮގުކުރައްވައި ޝިދާތާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޮޓޯގައިވާ ފަރާތަކީ އޭނާކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު މައުލޫމާތު އާންމުކުރާތީ ހިތާމަކުރާ ކަމަށެވެ.
“ހަރުކަށި ފިކުރު ފަތުރައި އެ ފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެއްވެސް ހަރަކާތެއްގައި އަޅުގަނޑު ބައިވެރިވެފައި ނުވާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން” ޝިދާތާ ވިދާޅުވި އެވެ.

