ޚަބަރު

މަރުކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައިފި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2018/13 އިން 18 ނޮވެންބަރު 2018 ގައި އުފެއްދެވި މިކޮމިޝަން އުފައްދަވާފައި ވަނީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި، އެ މައްސަލަތަކުގެ ޙަޤީޤަތް ހޯދުމާއި، އިންސާފު ޤާއިމުކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރެވިފައިނުވާތީ އެކަންކަން ބަލައި ތަޙްޤީޤުކޮށް ހަޤީޤަތް ހޯދުމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ މިއަދު ވަނީ މި ޤަރާރަށް އިސްލާހު ގެނެސް އާންމުކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ވިދާޅުވެފައި ވަނީ “މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން” އަށް

ތިރީގައިމިވާގޮތަށް ބަދަލުގެނެސް އެ ޤަރާރު އެކަށައަޅާފައިވާކަމަށެވެ.

އިސްލާހު ގެނެވުނު ޤަރާރުގައި މަރު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަލްއުސްތާޛު ފަރީޝާ ޢަބްދުﷲ، މާތޮޑާއަވަށް. ބަގީޗާގެ، ގދ.ފަރެސްމާތޮޑާ އާއި، އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން އާއި، އަލްފާޟިލް މިޞްބާޙް ޢައްބާސް، ބަހާރީވިލާ، ގދ.ރަތަފަންދޫ، އެވެ. އަދި މި ކޮމިޝަންގެ ރައީސްއަކަށް ކަނޑައަޅާފައި ވަނީ އަލްއުސްތާޛު ފަރީޝާ ޢަބްދުﷲ، ބަގީޗާގެ، ގދ.ފަރެސްމާތޮޑާއެވެ.

ފަރީޝާ ޢަބްދުﷲއާއި މިޞްބާޙް ޢައްބާސް އަކީ ކުރިންވެސް މި ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ.

މީގެ އިތުރުން މި ކޮމިޝަނުން ބަލަންޖެހޭކަމަށް ޢާންމު ރައްޔިތުންނަށް ފެންނަ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، ކޮމިޝަނުން ބަލަން ނިންމާ މައްސަލަތައް ތަޙުޤީޤުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސްއޫލިއްޔަތު މި ކޮމިޝަނާ ވަނީ މަތިކޮށްފައެވެ.

ހަމައެހެންމެ މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެއް ކަމުގައިވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ ކަނޑައަޅައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close