ޚަބަރު

އިދިކޮޅުން ބާއްވާ އެއްވުންތަކަށް ތަރުޙީބުނުދިނުމަށް އެމްޑީޕީން އެދިއްޖެ

އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރި ނުވުމަށާއި، އެފަދަ ހަރަކާތްތަކަށް ހިތްވަރު ލިބޭނެ ހިޔާލު ފާޅުނުކުރުމަށް އެ ޕާޓީގެ މެމްބަރުންނަށް އަންގައިފިއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް ހުކުރު ދުވަހު އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަޚްލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން އެފަދަ ގޮތަކަށް ބަޔާނެއް ނެރެފައިވާއިރު، މައްސަލަ ބޮޑުވެގެން އުޅޭ އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުރާސްފަތި ދުވަހު އެއްވުމެއް ބާއްވާ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

އިސްލާމްދީނަށާއި ރަސޫލާ އަށް ފުރުއްސާރަ ކޮށްފައިވާ ރިޕޯޓާ ގުޅިގެން އާއްމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މީހުން ދަނީ އެކި ކަހަލަ އިހްތިޖާޖުތައް ކުރަމުންނެވެ. ރަށްރަށުގެ ކައުންސިލްތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން ދަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެނެވެ.

އެމްޑީއެން އެއްކޮށް އުވާލާ އެ ރިޕޯޓު ލިޔުމުގައި ބައިވެރިވި މީހުން ހައްޔަރު ކުރުމަށް އެމީހުން ދަނީ ބުނަމުންނެވެ. އެމްޑީޕީން ވެސް ވަނީ މީގެ ކުރިން އެކަމާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ޕާޓީން ބުނީ އެއްވެސް ޖަމްއިއްޔާއެއް އުވާލުމަށް ހިތްވަރު ނުދޭ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close