އައްޑޫ ސިޓީގެ މީހަކަށް ކޮވިޑް ޖެހުމާގުޅިގެން 14 ދުވަހަށް ފުރަބަންދުކޮށްފި
އައްޑޫ ސިޓީއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން 14 ދުވަހަށް އެ ސިޓީ ފުރަބަންދުކުރަން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫސިޓީ ފުރަބަންދުކުރީ އައްޑޫ ސިޓީން މާލެއަށް ގެނައި ބަލި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް އުޅެދާނެކަމަށް ބެލެވޭތީއެވެ.
އެ ސިޓީ ފުރަބަންދު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ޙެލްތުން އަންގަވާފއިވާއިރު ފުރަބަންދުގެ މުއްދަތުގައި ކޮންމެހެން ނުކުންނަންޖެހޭ ޙާލަތެއްގައި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އައްޑޫ ސިޓީން ބޭރަށްވެސް އަދި އައްޑޫ ސިޓީއަށްވެސް އެއްވެސް މީހަކަށް ނުދެވޭނެއެވެ.
އައްޑޫސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ހުކުރު ދުވަހު ޑޮކްޓަރަށް ދައްކަންދިޔަ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ، އިކުއިޓޯރިއަލް ހޮސްޕިޓަލުން، މިވަގުތު ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރޭ މާލެ ފޮނުވާލުމުން އައިޖީއެމްއެޗް އަށް ގެންގޮސް ހެދި ޓެސްޓުންނެވެ. އޭނާ މާލެ ފޮނުވާލާފައި ވަނީ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށެވެ. އެމީހާގެ ގައިން ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަން ނެތްކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖާރ ޝަރަފުއްސާދާތު ވިދާޅުވީ، މިކޭސް އާއި ގުޅިގެން މިހާތަނަށް ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 26 މީހަކު ފާހަގަވެފައިވާކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ 7 ޑޮކްޓަރުންނާއި، އެޓެންޑެންޓުންނާއި ނަރުހުންގެ ތެރެއިން 10 މީހަކު އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި ހިތަދޫގައި އެ މީހާ ދިރިއުޅެމުން އައިގެ މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ. މީގެ އިތުރުން އޭނާ އާއި ގުޅުން ހުރި 7 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް ސާދާތު ވިދާޅުވިއެވެ.


