މާފުށީ ޕިކްނިކް އައިލެންޑް ކައުންސިލާއި ހަވާލުކޮށްފި
ރާއްޖޭގައި ފުރަތަމަފަހަރަށް މުޅިއައު ކޮންސެޕްޓަކަށް ޑިޒައިންކޮށްގެން ހެދި ޕިކްނިކް އައިލެންޑް “މާފުށީ ޕިކްނިކް އައިލެންޑް” މާފުށީ ކައުންސިލާއި ހަވާލުކޮށްފިއެވެ.
ކ. މާފުށީ ފަޅުތެރޭގައި ބިންހިއްކައިގެން ތައްޔާރުކުރި ޕިކްނިކް އައިލެންޑް މާފުށީ ކައުންސިލާ މިއަދު ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. ބިން ހަވާލު ކޮށްފައިވަނީ އެކަމަށްޓަކައި މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މާފުށީ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ، މީގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެ މަސައްކަތް ކުރި ކޮންސެޕްޓަށް ނޫން ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މާފުއްޓަށް އިތުރުކުރި 25 ހެކްޓަރު ބިން ހިއްކުމުގައި މާފުށީ ރައްޔިތުން ސަރުކާރާ އެކީގައި ކުރި މަޝްވަރާ އާއެކު އެގޮތަށް ހިއްކަން އެއްބަސްވުމަކީ އެރަށު ރައްޔިތުންގެ ދުރުވިސްނުން ކަމަށެވެ.
“މިއީ ފުރަތަމަ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ރަށާ ވަކިން ނުގުޅި، ގޮނޑުދޮށްތަކެއް އެއީ ހިއްކުމުގެ ބަޔެއްގެ ގޮތުގައި ހިމަނައިގެން ހިއްކި ރަށް،” ޕްލޭނިންގް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.