ރައީސް ޔާމީންގެ ހުކުމް ބާތިލް ކޮށް މިނިވަންކޮށްފި
މަނީ ލޯންޑާ ކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. ރައީސް ޔާމީނަށް އިއްވާފައިވާ 5 އަހަރުގެ ޖަލުހުކުމް ބާތިލް ކުރަން ނިންމީ ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސްޕްރީމް ކޯޓުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތުމެވެ.
ދައުލަތުން ޔާމީނަށް ކުރި ދައުވާގައި ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އެވެ. އެކަމަކު، އެކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި ދިޔައީ ބުނަމުންނެވެ.
އޭގެ އިތުރުން، އެމަނިކުފާނަށް ޖަމާވި ފައިސާ އަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތެއް އޮތް ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ހުކުމް ކުރިޔަސް، މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއާ ހިލާފަށެވެ.
މި ހުކުމުގައި ވަނީ ޔާމީނަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން ތަހުގީގުކޮށް އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ނަމަ ދައުލަތަށް ނެގުމުގެ އިހްތިޔާރު އޮތް ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.
ވަކި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކު ކުރެވޭ ހާލަތުގައި ވެސް އެ ފައިސާ އަތުގައި ބެހެއްޓުމަކީ މަނީ ލޯންޑަރިން ކަމަށް މަނީ ލޯންޑަރިންގެ ގާނޫނާ ހަވާލާދީ ދައުލަތުން ބުނެ އެވެ. ޔާމީންގެ މައްޗަށް ދައުވާ ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެ، ފަހުން އެއީ ދައުލަތުގެ ފައިސާކަން އެންގުމުން ވެސް އެ ފައިސާއިން މުއާމަލާތްކޮށް އަސްލު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާ ކުރަން އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާ ކުރެއްވީ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެހެން ގޮތަކުން ހޯއްދެވި ފައިސާ އެވެ.
ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަށް އޭރު ގަބޫލު ކުރެވުނީ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެމަނިކުފާނަށް ސިޔާސީ މަސައްކަތަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާ ހަވާލު ކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތުގައި އެދުމުން އަދީބު ޖަމާކުރެއްވި ފައިސާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ އެސްއޯއެފްއިންކަން އެނގިވަޑައިގަތީ މާ ފަހުން ކަމަށާއި އެސްއޯއެފްގައި އެމަނިކުފާނު ދަންނަ މީހަކު ވެސް ނޫޅޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

