ޚަބަރު

ޔޫކޭގެ ފްލައިޓްތަކަށް ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރަނީ

ޔުނައިޓެޑް ކިންގްޑަމް ނުވަތަ އިނގިރޭސި ވިލާތުގެ ދަތުރުވެރިންނަށް އެހެން ޤައުމުތަކަށް ނުވަދެވޭނޭހެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރަމުންދާކަމަށް ބައިނަލް އަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިހާތަނަށް 40 ގައުމަކުން އިނގިރޭސިވިލާތުން ދަތުރުކުރާ ފްލައިޓްތަކަށް ބޯޑަރު ބަންދުކޮށްފައި ވާއިރު ބޯޑަރުތައް ބަންދުކުރި ޤައުމުތަކުން ބަންދުކޮށްފައިވަނީ އިނގިރޭސިވިލާތުން ކޮވިޑް-19 ވައިރަސްގެ އާވައްތަރެއް ފެނުމުން ކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.

އިނގިރޭސިވިލާތުން ދަތުރުކުރާ ދަތުރުވެރިންނަށް ބަންދުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އެގައުމާއި އެންމެ ގާތް ޔޫރަޕްގެ ގިނަ ގައުމުތަކެއް ހިމެނެއެވެ. އޭގެތެރެއިން އެއްގައުމަކީ ފްރާންސެވެ. ފްރާންސުން ވަނީ އިނގިރޭސިވިލާތުގެ ފްލައިޓްތަކުގެ އިތުރުން ކާގޯ ވެސް އެތެރެ ކުރުން ހުއްޓާލާފައެވެ.

ބެލްޖިއަމް، ޖަރުމަންވިލާތް، އަޔަލޭންޑް، ނެދަލޭންޑް، ސްޕޭން، އިޓަލީވިލާތް، ރަޝިއާ، އޮސްޓްރިއާ، ސްވިޑެން، ނޯވޭ، ކްރޮއޭޝިއާ ބަލްގޭރިއާ، މޯލްޓާ، ފިންލޭންޑް، ޕޮލެންޑް، ޕޯޗްގަލް، ހަންގޭރީ، ޗެކްރިޕަބްލިކް، ސްލޮވާކިއާ، އުތުރު މެސަޑޯނިއާ އިން ވަނީ އިނގިރޭސިވިލާތުގެ ހުރިހާ ފްލައިޓްތަކަށް ބޯޑަރު ބަންދުކޮށްފައެވެ. އަދި ސްވިޒަލޭންޑުން ވަނީ އިނގިރޭސިވިލާތުން އެގައުމަށް އެހެން ގައުމުތަކުގެ މީހުން ދަތުރު ކުރުން މަނާކޮށްފައެވެ.

މެދުއިރުމަތީގެ ގައުމުތަކަށް ބަލާއިރު އިސްރާއީލް، އޮމާން، އީރާން، ތުރުކީ އަދި ޖޯޑަން އިން ވަނީ އިނގިރޭސިވިލާތުގެ ދަތުރުވެރިންނަށް އެގައުމުތައް ބަންދުކޮށްފައެވެ. ސައުދީ އަރަބިއްޔާ އިން ވަނީ އިނގިރޭސިވިލާތް ވެސް ހިމެނޭ ގޮތައް ދުނިޔޭގެ ހުރިހާ ގައުމެއްގެ ފްލައިޓް ދަތުރުތައް ސަސްޕެންޑް ކޮށްފައެވެ.

އެފްރިކާ ބައްރަށް ބަލާއިރު ދެކުނު އެފްރިކާގެ އިތުރުން ސޫދާނާއި ޓިއުނޭޝިއާ އިން ވަނީ އިނގިރޭސިވިލާތުގެ ފްލައިޓްތައް މަނާކޮށްފައެވެ.

އެމެރިކާ ބައްރަށް ބަލާއިރު ކެނެޑާ، ޗިލީ، އާޖެންޓީނާ، ޖެމެއިކާ އަދި ގްރެނެޑާ އިން ވަނީ އިނގިރޭސިވިލާތުގެ ފްލައިޓްތަކަށް އެގައުމުތައް ބަންދުކޮށްފައެވެ. މީގެ އިތުރުން ޕެރޫ އިން ވަނީ ޔޫރަޕްގެ ހުރިހާ ފްލައިޓްތަކަކަށް އެގައުމު ބަންދުކޮށްފައެވެ. އެމެރިކާ އިން އަދި އެގައުމަށް އިނގިރޭސިވިލާތުގެ ފްލައިޓްތައް ދަތުރުކުރުން މަނަލެއް ނުކުރެއެވެ. ނަމަވެސް ނިއުޔޯކް އާއި ބައެއް އެހެން ސްޓޭޓްތަކުގެ ގަވަރުނަރުން ވަނީ އިނގިރޭސިވިލާތުގެ ފްލައިޓްތައް މަނާކުރަން ގޮވާލާފައެވެ.

އޭޝިއާ ބައްރަށް ބަލާއިރު ހޮންކޮންގް، ޕާކިސްތާން، ސިންގަޕޫރު އަދި އިންޑިއާ އިން ވަނީ އިނގިރޭސިވިލާތުގެ ފްލައިޓްތައް މަނާކޮށްފައެވެ.

އިނގިރޭސިވިލާތުންނާއި އަދި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ވެސް ފެނިފައިވާ ކޮވިޑް-19 އާވައްތަރުގެ ސަބަބުން ކުރާނެ އަސަރު ދެނެގަތުމަށް ޑަބްލިއުއެޗްއޯ އާއި އަދި ބައެއް ގައުމުތަކުން މިހާރު ގެންދަނީ ތަހްލީލްތައް ކުރަމުންނެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިތަހްލީލްތަކުގެ ބައެއް މައުލޫމާތު ސާފުވާނެ ކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close