ޚަބަރު

އާ ވޭރިއެންޓް ފެނުމުން ދަތުރު ކުރުން މަނާކޮށް އެޅި ފިޔަވަޅުތައް އުވާލަން ދެކުނު އެފްރިކާގެ ރައީސް ގޮވާލައްވައިފި

އާ ވޭރިއެންޓް ފެނުމުން ދަތުރު ކުރުން މަނާކޮށް އެޅި ފިޔަވަޅުތައް އުވާލަން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ އެހެން ގައުމުތަކަށް ގޮވާލައްވައިފި އެވެ.

ރަމަފޯސާ ވިދާޅުވީ ގައުމުތަކުގެ ނިންމުމާ މެދު “ވަރަށް ހިތްހަމަނުޖެހޭ” ކަމަށާއި އެއީ އެއްވެސް ހަމައެއް ނެތި އަޅާފައިވާ ފިޔަވަޅަކަށް ވާތީ، ވަގުތުން އުވާލަން އެދިވަޑައިގަންނަވާ ކަމަށެވެ.

ގިނަ ގައުމުތަކަކުން ވަނީ ދެކުނު އެފްރިކާ އާއި އެފްރިކާ ބައްރުގެ އެހެން ބައެއް ގައުމުތަކަކަށް ދަތުރު ކުރުން މަނާކޮށްފަ އެވެ.

ދެކުނު އެފްރިކާ އިން ފެނުނު އޮމިކްރޯން ވޭރިއެންޓާ މެދު ކަންބޮޑުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނި ނަމަވެސް، ދަތުރު ކުރުން ހުއްޓާނުލާން އެދިފައި ވެ އެވެ.

މިހާތަނަށް ހޯދިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އޮމިކްރޯންގެ ސަބަބުން “ރީއިންފެކްޓު” ނުވަތަ އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ފާއިތުވި ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ދެކުނު އެފްރިކާގެ އެންމެ އާބާދީ ބޮޑު ގޯޓެންގް ޕްރޮވިންސް އިން ފެނުނު ގިނަ ކޭސްތައް ގުޅިފައި ވަނީ އެ ވޭރިއެންޓާ އެވެ. މިހާރު އެ ވޭރިއެންޓް ވަނީ ދެކުނު އެފްރިކާގެ ހުރިހާ ޕްރޮވިންސަކަށް ފެތުރިފަ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އެ ވޭރިއެންޓް އެހެން ގައުމުތަކުން ވެސް ފެނިފައި ވާއިރު، މިފަދަ ގޮތަކަށް ދަތުރު ކުރުން މަނާކުރުމަކީ “ދުނިޔޭގެ އެއްބައިވަންތަކަމަށް” ބުރޫއަރާނެ ނިންމުމެއް ކަމަށެވެ.

އިޒްރޭލާއި، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އޮސްޓްރޭލިއާ އަދި ނެދަލޭންޑްސް އިން ވެސް އެ ވޭރިއެންޓް ފެނިފައި ވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close