ޚަބަރު

އައު ގާނޫނުގައިވެސް ބުނަނީ ފުލުހުންނާއި ގުޅޭ ކަންކަމުގައި ޖަވާބުދާރީވާންޖެހޭނީ ވަޒީރަކު ކަމަށް – ނަޝީދު

ފުލުހުންގެ އައު ގާނޫނުގައި ވެސް ބުނަނީ ފުލުހުންގެ މުއައްސަސާގެ ކަންކަމާއި ގުޅޭ ގޮތުން ޖަވާބުދާރީވާން ޖެހޭނީ ވަޒީރަކު ކަމުގައި ބަޔާން ކޮށްފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރި މައްސަލާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅު ކުރެއްވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ 242ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ސަލާމަތީ ހިދުމަތްތައް ހިންގަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެވެސް ވަޒީރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ވަޒީރަކު ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިން އަމަލު ކުރަމުން ދިޔަ ފުލުހުންގެ ގާނޫނުގައި ވެސް އެ މުއައްސަސާގެ ކަންކަމާއި ގުޅިގެން ހޯމް މިނިސްޓަރު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު މިހާރު އަމަލު ކުރަމުން އަންނަ އައު ގާނޫނުގައި ވެސް ވަޒީރަކު ފުލުހުންގެ ކަންކަމުގައި ޖަވާބުދާރީވާން ޖެހޭ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރިކަން އަންގާ ހޯމް މިނިސްޓަރު އިމްރާނަށް ވަނީ މިދިޔަ އަންގާރަ ދުވަހު ސިޓީއެއް ފޮނުވައިފައެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ އައު ގާނޫނުގައި އެ މުއައްސަސާ އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިނގަމުން ދިޔަ ގޮތް ބަދަލު ކޮށްފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

އެހެންކަމުން މިއަހަރުގެ މާޗު މަހުގެ 27ވަނަ ދުވަހުން ފެށިގެން ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން އެ ސިޓީއާއެކު ފޮނުވާފައިވާ ކަމަށްވެސް އަލީ ޒާހިރު ފޮނުވި ސިޓީގައިވެއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ބަދަލުކޮށްފައިވާއިރު އެ މުއައްސަސާ އަށް ވަކި ހާއްސަ ބޯޑެއް އައު ގާނޫނުގެ ދަށުން ވަނީ އެކުލަވާލައިފައެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ. ނަމަވެސް ފުލުހުންގެ ހިދުމަތް މިހާރު ހިނގަނީ ވަޒީރުންގެ މަޖިލީހުގެ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުން ކަމެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close