ރަނގަޅު ޖީލެއް ބިނާކުރުމަށް ނަމޫނާ ދެއްކުމަށް ނައިބު ރައީސް ގޮވާލައްވައިފި
ރަނގަޅު ޖީލެއް ގައުމެއްގައި އުފެދެނީ މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު ކަމަށާއި، ރަނގަޅު ޖީލެއް ބިނާކުރުމަށް ނަމޫނާ ދެއްކުމަށް ނައިބު ރައީސް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރުމަށް ނަމޫނާ ދެއްކިގެން ނޫނީ ޤައުމު ހަމަ މަގަށް ނޭޅުވޭނެކަމަށެވެ. .
މީގެ އިތުރުން އެމަނިކުފާނު ވަނީ އިސްލާމްދީނުން ގެނެސްދެނީ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ހައްލުކަމަށާއި އިސްލާމް ދީނުން ދަސްކޮށްދޭ ފިލާވަޅުތަކުގެ ބޭނުން ހިފައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލައްވާފަ އެވެ.
“މިއަދު ކުރުން އެންމެ މުހިންމު ކަމަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުން. އެއާއެކު އިސްލާމްދީނުގެ އަގީދާ ބަލައިގަތުމަކީ ދިވެހީންނަށް ލިބުނު އެންމެ ބޮޑު ނަސީބު. މިކަމަށްޓަކައި ﷲގެ ހަޟްރަތަށް ހަމްދުކޮށް ޝުކުރުދަންނަވަން.” ނައިބު ރައީސް ވިދާޅުވި އެވެ.



