ޓޮމްގެ ވަރުގަދަ އިންޒާރެއް އަދާލަތަށް: އެބަޔަކު ކެހި ކަނޑުލެއްގެ ހިތި ފިލުވަންވާނީ އެބަޔަކު!
އެބަޔަކު ކެހި ކަނޑުލެއްގެ ހިތި ފިލުވަންވާނީ އެބަޔަކުކަމަށް ކަމަށް ވިދާޅުވެ އަދާލަތު ޕާޓީއަށް ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިުރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ލާދީނީ ފިކުރި ހާމަވެއްޖެކަމަށް އަދާލަތު ޕާޓީއާއި އެމްޑީޕީގެ ގިނަ މެންބަރުންވެސް ބުނަމުންދާތީ އެކަމަށް އިޝާރާތްކުރައްވާ ޓޮމް ވަނީ، އަނގަ ހައްދުގެ ހުކުމްގެ ކުރިން ޒިނޭގެ ހުކުމްވެސް ކިޔާ ދެއްވުމަށް އަދާލަތު ޕާޓީއަށާއި، އެޕާޓިގެ ދީނީ ޢިލްމުވެރިންނަށް ގޮވާލައްވާފައެވެ.
ރައީސް ނަޝީދުގެ ލާދީނި ފިކުރު ބޭޒާރުވެއްޖެކަމަށް އަދާލަތު ޕާޓީގެ ގިނަ ދީނީ ޢިލްމުވެރިންތަކެއް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްވެސް އަދާލަތުގެ ޢިލްމުވެރިން ދަނީ ގޮވާލައްވަމުންނެވެ.
އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނީ އަދާލަތު ޕާޓީގެފުރިހަމަ ބައިވެރިވުމާއެކުކަމަށް ޓޮމް ވިދާޅުވެފައިވާއިރު، 2019ގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވާދަކުރި ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކަށް އަދާލަތުން ވަނީ އެމްޑީޕީއަށް ތަޢީދުކޮށްފައެވެ. ނަމަވެސް އަދާލަތަށް މަޖިލިސް އިންތިޚާބުގައި އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އަދި މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ވަނީ އެކަމާއި ގުޅިގެން އަދާލަތަށް މީގެކުރިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި މަޖިލީހުގެ ރައީސްގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވާތީ އެއީ ސަރުކާރު ކޯލިޝަންގެ ހަރުކަށިފިކުރުމުގެ މީހުން ރުއްސަން ސަރުކާރުން ކުރިކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ބޭރުގެ އެއްޖިންސުން ގުޅުންހިންގުމުގެ ފިކުރުމުގެމީހުން ރުއްސަން ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅެއްކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެވެ.
މިއާްއެކު ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ އެތެރެއިން ވަނީ ފަށާފައެވެ.

