ކޮންމެ އަތޮޅެއްގައި ޕިކްނިކް ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ރަށެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، “ޕިކްނިކް އައިލެންޑް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް” ގެ ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫޢުގެ ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ އީ-ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ. އަދި ބީލަމާ ގުޅޭގޮތުން ހުރި ސުވާލުތައް މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫޢަކީ ރައްޔިތުންނާއި ގެސްޓްހައުސްތަކުގެ ބޭނުމަށް، ކޮންމެ އަތޮޅަކުން އެއް ރަށް ދަތުރުދާން ޚާއްޞަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް ވެސް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ބުންޏެވެ.