ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެއްޖެ
ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ ޔެލޯ އެލަރޓް ނެރެފިއެވެ. ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޔެލޯއެލަރޓް ނެރެފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ހިމެނޭ ސަރަހައްދަށެވެ.
މެޓް އޮފީހުން ބުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކަށް މިރޭ 21:00 އާއި 00:00 އާއި ދެމެދު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ފުވައްމުލަކު މާލެގަން އަވަށުގެ ބައެއް ގޭގެއަށް ފެންވަންނާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ވަނީ ހަރަކާތްތެރި ވެފައެވެ.
ވިއްސާރައިގައި ފުވައްމުކަލުގެ އިތުރުން އައްޑުއަށްވެސް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ އެމްއެންޑީއެފްގެ ސަދަން އޭރިޔާގެ ސިފައިން ވަނީ ހަރަކާތްތެރި ވެފަ އެވެ.
އެގޮތުން ސ. ފޭދުގައި އާންމުކޮށް ފެންބޮޑުވާ އެއް ސަރަހައްދުގައި ފެން ދައުރު ނުވާތީ ފެންބޮޑުވާ ސަރަހައްދުން ފެންހިންދުމުގައި އެމްއެންޑީއެފްގެ ސަދަން އޭރިޔާގެ ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ.
