މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔުން ހުއްޓާލަން އަންގައިފި
މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައި ވާތީ ފަރުޟު ނަމާދު ތަކުގައި، ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ކިޔަމުންއައި ޤުނޫތު ނާޒިލާ ކިޔުން ހޮނިހިރު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގްރޭޓާރ މާލެ ސަރަޙައްދުގައި ކޮވިޑް-19 ބަލީގެ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށްޓަކައި ޢާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރު ލެއްވުމާއެކު ދައުލަތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެކަމުގެ ސަބަބުން މާލެ ސަރަޙައްދުގެ ކޮވިޑުގެ ޙާލަތު ރަނގަޅުވުމާއި ގުޅިގެން، ޢާންމު ރައްޔިތުންނަށް ވަނީ ވަރަށް ގިނަ ކަންތައްތަކެއްގައި ލުއިތައް ވަރަށް ބޮޑަށް ހުޅުވާލާފައި ކަމަށެވެ.
އެހެންކަމުން މިސަރަޙައްދުގެ މިސްކިތްތަކުގެ ޖަމާޢަތް، ގައިދުރުކޮށްހެދުމާއި އަދި އަދި ޖަމާޢަތުގެ ނަމާދުތަކުގައި ޤުނޫތުނާޒިލާ ކިޔުން މިވަގުތަށް ހުއްޓާކަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔުވައި، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި މި ލޮބުވެތި ޤައުމުގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ހުރިހާ ބޭފުޅުންވެސް މިސްކިތްތަކުގައި ތިއްބަވާ ވަގުތު ތަކުގައްޔާއި ބޭރުގައި އުޅުއްވާ ވަގުތުތަކުގައި މާސްކުއެޅުއްވުމަށާއި، ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ވެސް ބަޔާނުގައި ނަސޭހަތްތެރިވެފައި ވެއެވެ.


