ޚަބަރު

ޝާހިދަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ހައްގު – ނަޝީދު

އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ހައްގު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވުމުން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ޝާހިދު ރާއްޖެއަށް ހޯއްދަވައި ދެއްވި ޝަރަފަކީ ދައުލަތުގެ އިއްޒަތް ހައްގުވާ ޝަރަފެއް ކަމަށެވެ.

ރައީސް އޮފީހުން ހާމަކޮށްފައި ވަނީ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވީ އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ޝާހިދު ކާމިޔާބު ކުރެއްވުމަކީ ދިވެހިރާއްޖެއަށް ޝާހިދު ހޯއްދަވައިދެއްވި ފަޚުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ޝާހިދު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ނުހަނު އިތުބާރާއެކީ ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ރީތި ނަން ބައިނަލްއަޤްވާމީ މައިދާނުގައި ދެމެހެއްޓެވުމަށް ޝާހިދު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމަކީ ވެސް ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވި ސަބަބެއް ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ޝާހިދަށް ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ލަޤަބު އެރުވުމާމެދު އިދިކޮޅުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެގޮތުން އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުން އިދިކޮޅު ޕީޕީއެމް / ޕީއެންސީން އިން ވަނީ ބޮއިކޮޓްކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close