ބިރު ދައްކައިގެން 15 ކުދިން ރޭޕް ކުރި ކަމަށް ބުނާ ސީއެޗްއެސްސީ ގެ ދަރިވަރެއްގެ މައްސަލަ ބަލަނީ
ބިރު ދައްކައިގެން 15 ކުދިން ރޭޕް ކުރި ކަމަށް ބުނާ ސީއެޗްއެސްސީ ގެ ދަރިވރެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަން އާންމުންގެ ސަމާލު ކަމަށް ގެނައީ ސޯޝަލް މީޑިއާގައި ބަޔަކު ކުރި ޕޯސްޓުތަކެއްގައި އެވެ. މި މައްސަލައިގަ ރޭޕްގެ ތުހުމަތު ކުރަނީ ސީއެޗްއެސްސީގެ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުދިންތަކެއް ބްލެެކްމެއިލް ކޮށްގެން ރޭޕްކުރި ކަމުގެ ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓްތަކެއްގައި ބުނެފައިވާ ގޮތުން އަންހެން ކުދިންނަށް އޭނާ ބިރުދައްކަމުން ދަނީ އެކުދިންގެ ބަރަހަނާ ފޮޓޯތައް ހޯދައި ލީކްކޮށްލާނެ ކަމަށް ބުނެ އެވެ. އޭނާ ރޭޕް ކުރި 15 ކުދިންގެ ތެރޭގައި އޭނާގެ އާއިލާގެ ކުދިން ވެސް ހިމެނޭ ކަމަށް އެ ޕޯސްޓްތަކުގައި ބުންޏެވެ.
އެކަމާ ގުޅިގެން ސީއެޗްއެޗްސީއަށް ޓެގްކޮށް، ޓްވިޓާގައި މީހަކު ލިއުނު ލިއުމަކަށް އެ ސްކޫލުން މިއަދު ބުނީ ދަރިވަރުންގެ ރައްކާތެރިކަމަށް އުނިކަމެއް އަންނަ ފަދަ ކަމެއް ހިނގައިގެން ރިޕޯޓްކޮށްފި ނަމަ، ނުވަތަ އެފަދަ ކަމެއް ސަމާލުކަމަށް އަތުވެއްޖެ ނަމަ ވާނީ ފިޔަވަޅު އަޅާ ކަމަށެވެ. އެފަދަ ކަމެއް ސްކޫލުން ބޭރުގައި ވެސް ހިނގާ ނަމަ ލަސްނުކޮށް ސްކޫލްގެ މެނޭޖްމަންޓަށް އެ މައުލޫމާތު ދޭން ބާރުއަޅާ ކަމަށް ވެސް ބުންޏެވެ.
