މިލާން އަތުން ލިވަޕޫލަށް މޮޅުވެވުނީ ހަމަ ކިރިޔާ
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލްއާއި އޭސީ މިލާން ކުޅުނު މެޗްގައި މިލާންގެ މައްޗަށް ލިވަޕޫލަށް ކުރި ހޯދުނީ ހަމަ ކިރިޔަކިރިޔާއެވެ.
އަމިއްލަ ދަނޑުގައި މިލާން އާއި ދެކޮޅަށް ކުޅެ ލިވަޕޫލް މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ފޯރިގަދަ އަވަސް ކުޅުމެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ލިވަޕޫލުންނެވެ. ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި ލިވަޕޫލް އިން ލީޑުނެގި ލަނޑަކީ މިލާންގެ ފިކާޔޯ ޓޮމޯރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ އެލެގްޒެންޑަރ އާނޯލްޑް ގޯލް ކުރިމައްޗަށް ނަގައިދިން ހުރަހެއް ޓޮމޯރީގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ގޯލުގެ ތެރެއަށް ބޯޅަ ވަދެގެން ލިވަޕޫލް އިން ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑަށް ފަހު މެޗުގެ 14 ވަނަ މިނެޓުގައި ލިވަޕޫލަށް ވަނީ ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބިފައެވެ. މިއީ ލިވަޕޫލްގެ ޜޮބާޓްސަން ފޮނުވާލި ހަމަލާއެއް އޭރިއާ ތެރޭގައި ހުރި މިލާންގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ލިވަޕޫލަށް ދިން ޕެނަލްޓީއެކެވެ. މިސްރު ފޯވާޑް މުޙައްމަދު ސަލާހް ފޮނުވާލި މި ޕެނަލްޓީ މިލާންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ލިވަޕޫލް ލީޑުގައި އޮތް ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާންނުން ވަނީ ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނަތީޖާ މިލާން ކޮޅަށް އަނބުރާލާފައެވެ. އެގޮތުން
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނުންވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ހަމަ އެވަގުތު ކޮޅުތެރޭ އިތުރު ލަނޑެއް ޖަހާ މިލާނުން ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ލީޑުވެސް ނަގާފައެވެ. މިލާނަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ އެންޓީ ރެބިޗް އެވެ. އަދި މިލާނުން ލީޑުނެގިލަނޑު ކާމިޔާބު ކޮށްދިނީ ބްރަހިމް ޑިއާޒް އެވެ.
މިލާން ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން 3 ވަނަ މިނެޓުގައި ސަލާހް ވަނީ ލިވަޕޫލަށް ލަނޑެއް ކާމިޔާބު ކޮށްދީ ނަތީޖާ އެއްވަރު ކޮށްދީފައެވެ. މެޗުން ލިވަޕޫލް މޮޅުވި ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބު ކުރި އިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޑަން ހެންޑާސަން އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބާރު ބޯޅައެއް ސީދާ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
މި ގުރޫޕުގައި އިތުރު މެޗެއްވެސް ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ އެތްލެޓިކޯ މެޑްރިޑާއި ޕޯޓޯއެވެ. މި ދެޓީމުގެ ކުރިމަތިލުން ވީ އެއްވަރެވެ.
މިނަތީޖާތަކާއެކު މި ގުރޫޕުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު ދެވަނަ އަދި ތިންވަނައިގައި އޮތީ އެތްލެޓިކޯ އާއި ޕޯޓޯއެވެ. ފުލުގައި އޮތީ މިލާނެވެ

