ކުޅިވަރު

މުއްސަނދި ޕީއެސްޖީ ބަލިކޮށް ބަޔާންއިން ޗެމްޕިއަންސްލީގު ކާމިޔާބުކޮށްފި

ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅެވުނު ޗެމްޕިއަންސްލީގުގެ ފައިނަލުގައި ދުނިޔޭގެ އެންމެ އަގުބޮޑަތި ކުޅުންތެރިން ހިމެނޭ އެއްކުލަބުކަމަށްވާ ފުރާންސްގެ  މުއްސަދި ކުލަބު ޕީއެސްޖީ ބަލިކޮށް ޖަރުމަންގެ ބަޔާން މިއުނިކުން ޗެމްޕިއަންސްލީގުގެ ތަށިކާމިޔާބުކޮށްފިއެވެ.

ރޭ ކުޅެވުނު ވާދަވެރި ފައިނަލް މެޗުން ބަޔާންއިން ކުރި ހޯދީ 0-1 ލަނޑުން ޕީއެސްޖީ ބަލިކޮށްގެންނެވެ.  މިއާއި އެކު ބަޔާން މިއުނިކުން މިފަހަރުގެ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތަށި އުފުލާލި އިރު މިއީ އެ ޓީމުން އެ މުބާރާތް ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. އަދި މިއީ މި ސީޒަންގައި ބަޔާންއިން އުފުލާލި 3 ވަނަ ތަށްޓެވެ. އެ ޓީމުން ވަނީ މި ސީޒަނުގައި ޖަރުމަނުގެ ބުންޑެސްލީގާއާއި ޖަރުމަނުގެ ލީގު ކަޕު ވެސް ކާމިޔާބުކޮށް ތާރީހީ ޓްރެބަލް ފުރިހަމަ ކޮށްފަ އެވެ. މިއީ އެ ޓީމުން ޓްރެބަލް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.

ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރި ޕީއެސްޖީން ކައުންޓް އެޓޭކުގައި ގިނަ ހަމަލާތަކެއް އުފައްދިއިރު ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ހުރިހާ ހަމަލާއެއް ދިފާއު ކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގެ ތަފާތަކަށް ވެގެން ދިޔައީ 59 ވަނަ މިނަޓުގައި ކުރިން ޕީއެސްޖީއަށް ކުޅުނު ކިންގްސްލީ ކޯމަން ބޮލުން ވައްދާލި ގޯލެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ކޯމަން އެ ބޯޅަ ހުހަށް ހުރެ ގޯލަށް ވައްދާލި އިރު ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސްއަށް ވަނީ އަތުވާގޮތް ނުވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ބަޔާން ޖެހި 500 ގޯލެވެ. އެ ޓީމަށް ވުރެ ގިނައިން މި މުބާރާތުގައި ހަމައެކަނި ގޯލު ޖަހާފައިވަނީ ރެއާލް އަދި ބާސެލޯނާ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close