ޙަޤީޤީ ޙާދިސާ: ކަލޭގެފާނަށް މާތް ﷲ ގެ ޙަޟްރަތުން ބޭނުމެއް ނެތީތޯއެވެ.
އަބޫ ދުޖާނާ ޢާންމު ގޮތެއްގައި ފަތިސް ނަމާދު ކުރައްވަނީ ކީރިތި ރަސޫލާގެ ފަހަތްޕުޅުގައި މަސްޖިދުއް ނަބަވީގައެވެ. އެހެން ނަމަވެސް ނަމާދުން ނިވަޑައިގަތުމާއެކު އަވަސް އަވަހަށް އެކަލޭގެފާނު މިސްކިތުން ނިކުމެވަޑައިގެން ވަޑައިގަންނަވައެވެ. މިކަން ކީރިތި ރަސޫލާއަށް ފާހަގަ ކުރެއްވިގެން އެއްދުވަހަކު އަބޫ ދުޖާނާ މަޑު ކުރުވުމަށްފަހު އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ.
ކަލޭގެފާނަށް މާތް ﷲ ގެ ޙަޟްރަތުން ބޭނުމެއް ނެތީތޯއެވެ. ޖަވާބުގައި އަބޫ ދުޖާނާ ދެންނެވިއެވެ. ތިމަން ކަލޭގެފާނު ބޭނުމެވެ. ލޮލުގެ ހިމަކޮޅުން ވެސް ތިމަން ކަލޭގެފާނު އެކަން ދޫކޮށްލައްވާކަށް ބޭނުމެއް ނޫނެވެ.
ކީރިތި ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. ތިމަންމެންނާއެކު ނަމާދު ފުރިހަމަކޮށް ކަލޭގެފާނު ބޭނުންވާ ކަންކަމަށް މާތް ﷲ ގެ ޙަޟްރަތުގައި ނުދަންނަވާ ވަޑައިގަންނަވަނީ ކީއްވެގެންތޯއެވެ؟
އަބޫ ދުޖާނާ ދެންނެވިއެވެ. އަޅުގަނޑު ނަމާދުން ނިމިގެން ވަގުތުން ފައިބައިގެންދާ ސަބަބަކީ އަޅުގަނޑުގެ އަވަށްޓެރިއެއްގެ ގޮތުގައި ޔަހޫދީއަކު ހުރެއެވެ. އޭނާގެ ކަދުރު ރުކެއް ހުރީ އަޅުގަނޑުގެ ގޯތިތެރެއަށްވާ ގޮތަށް ލެނބިފައެވެ. ރޭގަނޑު ވައިރޯޅި ޖެހުމުން ރުކުގައި ހުންނަ ކަދުރުތައް އަޅުގަނޑުގެ ގޯތިތެރެއަށް ފައިބާފައި ހުރެއެވެ. އަޅުގަނޑު ނަމާދު ކޮށްގެން އަވަހަށް ފައިބައިގެން ދަނީ އަޅުގަނޑުގެ ކުދިން ބަނޑުހައިކަންމަތީ ތިބެ ހޭލައިގެން އެ ކަދުރުތައް ހޮވައިގެން ކެއުމުގެ ކުރިން އެ ކަދުރުތައް ހޮވައި އަވަށްޓެރި ޔަހޫދީ މީހާއަށް ދިނުމަށެވެ. މާތް ﷲ ގަންދީ ދަންނަވަމެވެ. ތިމަން ކަލޭގެފާނުގެ ކުއްޖަކު އެއިން ކަދުރެއް ކާތަން ފެނުނަސް ތިމަން އެ ކުއްޖާގެ ކަރުގެ ބުޑަށް އަތްބާނައި އެ ކަދުރު ބޭރުކުރަމެވެ. އެކަމާ އެއިން ކުއްޖަކު ރޯން ފަށައިފިނަމަ އެ ކުއްޖަކާ މުޚާޠަބުކޮށް ބުނަމެވެ. ވަގެއްގެ ގޮތުގައި މާތް ﷲ ގެ ޙަޟްރަތުގައި ހުއްޓިހުންނަން ތިބާ ލަދެއް ނުގަނޭ ހެއްޔެވެ؟
އަބޫބަކުރުގެފާނަށް މި ވާހަކަތައް އިވިވަޑައިގަތުން އެ ޔަހޫދީ މީހާގެ ގާތަށް ވަޑައިގެން އެ ކަދުރު ރުއް ބައްލަވައިގެން އަބޫ ދުޖާނާއާއި އެކަލޭގެފާނުގެ ކުދިންނަށް އެ ރުއް ހަދިޔާ ކުރެއްވިއެވެ. އަދި ޙަޤީޤަތް އެނގުމުން ޔަހޫދީ މީހާއާއި އޭނާގެ ޢާއިލާ އިސްލާމްދީން ޤަބޫލު ކުރިއެވެ. އަބޫ ދުޖާނާ ބިރުފުޅުގެންވަޑައިގަތީ އެކަލޭގެފާނުގެ ގޯތި ތެރެއަށްވާ ގޮތަށް ހުރި އެހެން މީހެއްގެ ކަދުރު ރުކުން ވެއްޓޭ ކަދުރެއް އެކަލޭގެފަނުގެ ކުދިން ކައިފާނެތީއެވެ.
(އައްޝައިޚް މޫސާ އަންވަރު ޙަސަން)

